އިލެކްޝަންސް ކޮމިޝަން

ރިޔާސީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅުއްވައިފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ކެންޑިޑޭޓުންގެ އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުންގެ ފެށިގެން ގިނަވެގެން 60 ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރަށް ވަޑައިނުގެންނެވުނު ކެންޑިޑޭޓުން މާލީ ބަޔާން މިއަދުގެ ކުރިން ހުށަހަޅަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު އަވަސް އަށް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު އާއި ހަަސަން ޒަމީލް އާއި އަހުމަދު ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ގާސިމް އިބްރާހިމް އާއި ދަ ޑިމޮކްރެޓްސް އިން ވާދަކުރެއްވި އިލްޔާސް ލަބީބު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރެއްވި މުހައްމަދު ނާޒިމް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ ދެވަނަ ބުރު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއީލް ހަބީބު މީގެ ކުރިން ވިދާޅުވީ ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް، ފައިސާގެ ހުރިހާ މުޢާމަލާތުތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށް އެ ރިޕޯޓްތައް އާންމުކޮށް ބެލޭނެ ނިޒާމެއް އެ ކޮމިޝަނުން ހަމަޖައްސާނެ ކަމަށެވެ.