ރިޔާސީ އިންތިހާބު 2023

ވަގުތު ހަމަވެއްޖެ، ކުރިމަތިލެއްވީ އަށް ބޭފުޅުން

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު ހަމަވިއިރު ކުރިމަތިލެއްވީ އަށް ބޭފުޅުންނެވެ.

އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވީ މިއަދު މެންދުރުފަހު 2:00 އަށެވެ.

އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ގޮތަށް ރިޔާސީ އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވި އިންތިހާބެވެ.

ކުރިމަތިލެއްވި ކެންޑިޑޭޓުންނާއި ރަނިން މޭޓުން

  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު - މުހައްމަދު އަސްލަމް
  • ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހަައްމަދު މުއިއްޒު - ހުސައިން މުހައްމަދު ލަތީފު
  • އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު - ޑރ. އަހުމަދު އަދީލް ނަސީރު
  • ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު - ހުސައިން އަމްރު
  • ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް - ޑރ. އަމީން އިބްރާހިމް
  • އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު - އަހުމަދު ސަލީމު
  • އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން - ޑރ. އަބްދުއްސައްތާރު ޔޫސުފް
  • އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލު - މަރިޔަމް އަލީމް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.