ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަސައްކަތްކުރާނަން: ރައީސް

Sep 10, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން އިތުރު ޕާޓީތަކާ ބައިވެރިވާން ޖެހޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ކުރިން ވިސްނިފައި ނެތް ކަންތައްތަކެއް އެބަހުރި ކަމަށާއި ދެވަނަ ބުރުގައި އެ ކަންކަމަށް ތައްޔާރުވެވަޑައިގަންނަވާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް ކޯލިޝަން ހެދުމަށް މަސައްކަތްކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމްޑީޕީންވެސް ކޯލިޝަން ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން އެ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިން ސުވާލުކުރުމުން ރައީސް ސޯލިހު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 84،805 ވޯޓު -- 39.04 ޕަސަންޓެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 100،342 ވޯޓު -- 46.19 ޕަސަންޓް ލިބިވަޑައިގަތެވެ.

އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 15،191 ވޯޓު -- 6.99 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަސް ލިބިވަޑައިގަތީ 6،135 -- 2.82 ޕަސަންޓް ވޯޓެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމަށް 5،541 ވޯޓު -- 2.55 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް 3،097 ވޯޓު -- 1.43 ޕަސަންޓް ލިބިވަޑައިގަތެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 1،795 ވޯޓު -- 0.83 ޕަސަންޓް ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް 325 ވޯޓު -- 0.15 ޕަސަންޓް ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.