ރިޔާސީ އިންތިހާބު 2023

އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖޭޕީން ނިންމައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީ -- ޖޭޕީން ނިންމައިފި އެވެ.

ޖޭޕީން މި ނިންމުން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖޭޕީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރަޢީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިމުނު ހަފްތާ ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމުގެ އަރިހަށް ވަޑައިގެން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް ސަން އައިލެންޑަށް ވަޑައިގަތީ މިދިޔަ ބުދަ ދުވަަހު އެވެ. ރައީސް މާލެ ވަޑައިގަތީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއް ގައެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިމަހުގެ 12 ވަނަ ދުވަހު ޕީޕީއެމް-ޕީއެންސީ އިން ވެސް ވަނީ ގާސިމާ ބައްދަލުކުރައްވާ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،523 ވޯޓެވެ.

އިންތިހާބުގައި މުއިއްޒަށް 101,494 ވޯޓު ލިބިވަޑައިގަތްއިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.