އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓުގައި އުމަރު ނޫން އެހެން ކެންޑިޑޭޓުން ސޮއިކުރައްވައިފި

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓުގައި އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ލިސްޓުތަކުގައި ރޭ 10:00 އާ ހަމަޔަށް ކެންޑިޑޭޓުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.

"އުމަރު ނަސީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރި. މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް ސޮއިކޮށްފައިވޭ،" އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރަން ފެށީ ހުކުރު ދުވަހު އެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ.

އަންނަ ރިޔާސީ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ 574 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.