ޕޮލިޓިކްސް

ސިޔާސީންގެ ބަދަލަށް ރައްޔިތުން ދޫދޭނެތަ

ރާއްޖޭގެ ސިޔާސީ މަސްރަހަށް ކައިރި މުސްތަގުބަލެއްގައި ބަދަލުތަކެއް އަންނާނެ ހުރިހާ މަންޒަރެއް މިދަނީ ފެންނަމުންނެވެ. ވެރިކަން ކުރާ ކޯލިޝަންގެ ހުރިހާ ޕާޓީއެއް ސަރުކާރުގެ ތެރޭގައި މިވަގުތު ތިބި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީން ކޯލިޝަންގައި އޮންނާނެތޯ ސުވާލު އުފެދެ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ދެބައިވެ ދެ ފެކްޝަންގެ މެންބަރުން ތިބީ
މޫނު ދިމާވާ ގޮތަކަށް ނޫނެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެންބަރުން ތިބީ ކޯލިޝަން ހިފަހައްޓައިގެން ކުރިއަށްދާ ގޮތަކަށް ނޫނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ "ސިޔާސީ އެކުވެރިކަން" ކަނޑާލާފައިވާތީ ވެރިކަމުގައި ބާކީ އޮތް ދުވަސްތަކުގައި އަމިއްލަފުޅު ޕާޓީން ރައީސް ސޯލިހަށް ކުރިމަތިކުރާނެ ފިއްތުއްތަކާއި ގޮންޖެހުންތައް ވަރަށް ބޮޑުވާނެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި އޮތް ގާސިމް އިބްރާހީމުގެ ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫންގެ އެމްއާރްއެމް އޮތީ "މަރުވެފަ" އެވެ. ސަރުކާރުގައި އެ ޕާޓީ ތަކުގެ ވަޒީރުންނަށް މާރަނގަޅު ނަތީޖާތަކެއް ނެރެދެވޭ ތަނެއް ވެސް ނުފެނެ އެވެ.

ރިޔާސީ އިންތިހާބު ކައިރިވާހެން ހީވުމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާންގެ އަދާލަތު ޕާޓީ ކުއްލިއަކަށް "ދިރިއްޖެ" އެވެ. ޕާޓީ އަށް މަދުވެގެން 10،000 މެންބަރުން ހޯދުމުގެ ވަރުގަދަ ކެމްޕޭނެއް ވެސް އަދާލަތުން ވަނީ ފަށާފަ އެވެ. ރިޔާސީ އިންތިހާބު ތަކާ ދިމާކޮށް ސިޔާސީ ގޮތުން އެންމެ ބޮޑު ފައިދާއެއް އަބަދުވެސް ހޯދާ އެއް ޕާޓީ އަކީ އަދާލަތު ޕާޓީ އެވެ. އަދާލަތު ޕާޓީއަށް އިންތިހާބު ތަކުގައި މާބޮޑު ކާމިޔާބެއް ނުލިބުނަސް ވެރިކަން ކުރި ހުރިހާ ކޯލިޝަން ސަރުކާރެއްގައިވެސް އެ ޕާޓީން ސަރުކާރުގެ އިސް މަގާމުތައް ހޯދަ އެވެ. އަދާލަތަށް މެންބަރުން ހޯދުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ދެން އަންނަ ސަރުކާރެއްގެ ތެރެއިން ބާރުވެރިކަން ހޯދަން މަސައްކަތް ކުރުން ކަމަށް ބުނާ ޖާގަ އެބައޮތެވެ.

މިވަގުތު ސިޔާސީ މައިދާނުގައި ވަކި އަތަކަށް ނުޖެހި އޮތް ކަމަށް ބުނާ ޕާޓީ އަކީ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއެމް އެވެ. ސިޔާމުގެ އިތުރުން އެ ޕާޓީ އަށް ނިސްބަތްވާ އިތުރު މެންބަރަކު ވެސް މަޖިލީހުގައި އިންނެވުމާ ގުޅިގެންނާއި އަދި ސިޔާމުގެ ވިޔަފާރީގެ މަސްލަހަތުތައް ހުރި ގޮތުން އެމްޑީއެމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގުނަން ޖެހޭ ޕާޓީ އެކެވެ. އެކަމަކު ޖޭޕީއާއި އެމްއާރްއެމް ގޮތަށް އެމްޑީއެމްގެ އެއްވެސް ހަރަކާތެއް ނުފެނެ އެވެ. އެމްޑީއެމްގެ މިހާރުގެ އަމާޒަކީ ކޮބައިކަމެއް ނޭނގެ އެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީ އާއި ލޭބާ ޕާޓީ އަކީ ވެސް ސިޔާސީ ޕާޓީގެ ދަފްތަރުގައި އޮތް ދެ ޕާޓީ އެވެ. އަދީބު ހައްޔަރުކޮށްފައި ހުރުމުން އެމްޓީޑީގެ ސިޔާސީ ކުރިމަގެއް އޮތް ކަމަކަށް ނުފެނެ އެވެ. ލޭބަ ޕާޓީ އުފެއްދުމުގައި އުޅުނު ބައެއް ބޭފުޅުން އެ ޕާޓީ ދޫކޮށްލާފައިވާތީ އެއީ ހަމައެކަނި ދަފްތަރުގައި އޮތް ނަމެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެވަނަ އަށް ރަޖިސްޓްރީ ކުރެވުނު ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ވެސް އަދި މުޅި ޕާޓީ އަކީ ވެސް ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. ޑީއާރްޕީގައި ކޮންމެވެސް ވަރަކަށް އާންމު މެންބަރުން ތިބި ނަމަވެސް އެއީ މަރަށް ތެޅިތެޅި އޮތް ޕާޓީ އެކެވެ. ގާނޫނުގައި ބުނާ ގޮތަށް ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވާ، ޕާޓީގެ މަގާމުތަކަށް މީހުން ހޮވާފައެއް ނުވެ އެވެ. ޕާޓީއެއްގެ ގޮތުގައި އެއްވެސް ކަމެއް ކުރާން އުޅޭ ކަމަކަށް ނުބެލެވެ އެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި ޑީއާރްޕީ ވުޖޫދުގައި އޮވެދާނެ ކަމަށް ސުވާލު އުފެދެނީ ވެސް އެފަދަ ސަބަބުތަކަކާ ގުޅިގެންނެވެ.

ސިޔާސީ މަސްރަހުގައި އިތުރު ބާރުވެރިކަން ހޯދުމަށާއި ސީދާ ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ބައެއް ޕާޓީތައް އުފެއްދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ކުރިން ބައެއް ވުޒާރާތަކުގައި ވަޒީރު ކަން ކުރައްވާފައިވާ އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ (އެމްއެސްޕީ) ހިމެނެ އެވެ. އެ ދެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު އެވަނީ ދީފަ އެވެ. އިތުރު އެހެން ބައެއް ޕާޓީތައް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.

ނާޒިމްގެ ޕާޓީ އުފެއްދުމާއި އެކު އެ ޕާޓީގެ މިސްރާބު ހުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެ ޕާޓީގެ ކެންޑިޑޭޓަކު ކަނޑައަޅައި އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތް ފެށުމަށެވެ. އެމްއެންޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ވާދަކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވެފައިވާތީ އެ ޕާޓީގެ ޓިކެޓް ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް ނާޒިމަށެވެ. އެއީ ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ މާޒީން ފެނިފައިވާ މަންޒަރުތަކުން ޔަގީންކޮށްދޭ ކަމެކެވެ.

ނާޒިމްގެ ޕާޓީ އުފެއްދުމުގައި އޭނާއާއި އެކު މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ވެސް ގެންދަވަނީ ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ. ނާޒިމް ވިދާޅުވާ ގޮތުގައި އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ މަޖިލީހުގެ އިތުރު މެންބަރުން ތަކެއް ވެސް އެބަތިއްބެވި އެވެ. އެ ވިދާޅުވާ ގޮތަށް ކަންކަން އެތުރި އިންތިޒާމު ކުރެވިފައިވާނަމަ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމްއެންޕީ އަކީ ރާއްޖޭގެ ތިންވަނަ ފިކުރަށް
ވެދާނެ އެވެ. ނަމަވެސް އެގޮތުގައި ހިފަހައްޓާލެވިދާނެތޯ ނިންމަން އަދި މާބޮޑަށް ވެސް އަވަހެވެ. އެމްއެންޕީއާ އެކު މަސައްކަތް ކުރާނެ ސިޔާސީ ބުރަދަން ހުރި ބޭފުޅުން އެ ޕާޓީއާ ގުޅި އެ ފިކުރު ފަތުރާލެވިއްޖެނަމަ އުއްމީދެއް އެބައޮތެވެ.

ސިޔާސީ މަސްރަހުގައި ދެން މިއޮތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އެވެ. ދެނަން ކިޔާ ދެ ޕާޓީ އަކަށްވީ ނަމަވެސް އެއީ އެކެއްގެ ދެ ދަރިންނެވެ. އެ ދެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރަނީ ވެސް އެގޮތަށެވެ. އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެރިވާންޖެހޭ މިންވަރާ ގާތަށް ވެސް އެޕާޓީ އަށް މަސައްކަތް ކުރެވޭ މަންޒަރެއް ނުފެނެ އެވެ. އެކަމަކު އިދިކޮޅުގެ އިސް ބޭފުޅުން ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަ އެވެ. ޕީޕީއެމްގެ މައި އޮފީހުގެ ކޮޓަރިއެއް ވަރުގެ ތަންކޮޅަކަށް އެއްވަލައިގެން ބައްދަލުވާ ތަން ފެނެ އެވެ. އެކަމަކު ސަރުކާރުން ހަދާ ގޯސްތަކަށް ވަރުގަދަ އަށް ޕްރެޝަރު ކޮށްލެވޭ ވަރުގެ ހަކަތައެއް އަދި ބާރުވެރިކަމެއް އިދިކޮޅު
ކޯލިޝަންގެ ހަރަކާތްތަކުން އަދި ފެނިގެނެއް ނުދެ އެވެ.

މިވަގުތު އިދިކޮޅު ކޯލިޝަން ބަދަހިކޮށް ފެނުނު ނަމަވެސް އެ ޕާޓީއަށް ކުރިމަތިވާނެ ކޮޅިގަނޑުގެ ވިލާގަނޑު އޮތީ ނަގާފަ އެވެ. ޕީޕީއެެމަށް ކޮޅިގަނޑު ކުރިމަތިވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން ޖެހޭ ހިސާބުންނެވެ. ޕާޓީގެ އިސް ސަފުން އާންމުކޮށް ފެންނަ ކޮންމެ މޫނަކީ ވެސް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތި ނުލެެއްވޭ ހާލަތެއްގައި ރިޔާސީ ޓިކެޓަށް ފައި ނަންގަވައިގެން ތިއްބެވި ބޭފުޅުންނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމާއި އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވާނެ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. ފުރަތަމަ ކަމަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ދައުވާއާއި ކުރިއަށް އުފުލަން ތައްޔާރުކޮށްފައި ހުރި ދައުވާތަކުގެ ސަބަބުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދައުވާތަކުން ރައީސް ޔާމީނަށް ސަލާމަތްވެވިދާނެ ކަމަށް ނުފެންނާތީ އެވެ. ދެވަނަ ކަމަކީ ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުން ގިނަވެ، އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން އެ ބޭފުޅުން ފާޅުގައި ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށް ބެލެވޭތީ އެވެ. އެ ކޯޅުމުގެ ތެރޭގައި ކުރީގެ ޑީއާރްޕީއަށް ވެގެންދިޔަ ގޮތަށް ޕީޕީއެމަށް ވެސް ބައިބައިވުން އައުމަކީ ވެދާނެ ކަމެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވުމުގެ ކޮޅުމަތި ފެންނަމުން ދިޔަ ނަމަވެސް ސިޔާސީ ބޭފުޅުން ވިސްނާ ގޮތާ އެއްގޮތަށް ކަންކަން މިފަހަރު ބަދަލުވެދާނެ ކަމަކަށް ނުފެނެ އެވެ. ސިޔާސީ ޕާޓީ ތަކުގެ ނިޒާމަށް އަދި ކޯލިޝަނުން ވެރިކަން ކުރާ އުސޫލަށް ރައްޔިތުން ތިބީ ފޫހިވެފަ އެވެ. ސޯޝަލް މީޑިއާގައި ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތުން އެނގެނީ ސިޔާސީ ބޭފުޅުން ބުނާހާ ގޮތަކަށް އަމަލުކުރަން
ބޭނުން ނުވާ ކަމެވެ. އާ ފޯމިއުލާ އަކަށް ރައްޔިތުން ބޭނުންވެފައި ތިބި ކަމެވެ.