ރިޕޯޓް

ރިޔާސީ އިންތިހާބް އެއްބުރުން؛ ތިނޯހުގެ ފަގައިން ޖަމަލެއް ދިއުންފަދަ ކަމެއް

Aug 4, 2022
6

މިއަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމުގެ ވާހަކަ މިދުވަސްވަރު ގަދަ އެވެ. ސުވާލަކީ ހަމަ އަސްލަށް ވެސް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވިދާނެތޯ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވީ 2008 ވަނަ އަހަރު އެވެ. އެ އިންތިހާބުން ފެށިގެން ފާއިތުވި 14 އަހަރު އިންތިހާބުވި ކޮންމެ ސަރުކާރަކީ ވެސް ކޯލިޝަން ސަރުކާރެކެވެ. އެއްޕާޓީއަށް ވުރެ ގިނަ ޕާޓީތައް އެކުވެގެން އުފެދިފައިވާ ސަރުކާރުތަކެކެވެ.

ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އެންމެ އަޑު ހަރުކޮށް ބުނަނީ ރައްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށް ބުނާ ޕީޕީއެމް އިންނެވެ. ޕީޕީއެމް އިން އެހެން ބުނި ނަމަވެސް އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ބުނާ ބުނުމެއް ކަމެއް ސާފެއް ނުވެ އެވެ. ހަމަކަނި ފެންނަން އޮތް ސަބަބަކީ ރައީސް ސޯލިހްގެ ސަރުކާރާ މެދު ބައެއް ރައްޔިތުންގެ މެދުގައި ހުރި ނުތަނަވަސް ކަމެވެ. އެއީ ކޮންމެ ބަޔަކު ސަރުކާރެއްގައި އޮތް ނަމަވެސް ތަބީއީ ގޮތުން އުފެދޭ ނުތަނަވަސް ކަމެކެވެ. މިހެން މިބުނެވެނީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް މި ނުތަނަވަސްކަން ރައްޔިތުންގެ މެދުގައި އޮތުމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރަކީ ވެސް "ވައްކަންކުރާ"، އަނިޔާވެރި" ސަރުކާރެއް ކަމަށް ބައެއް މީހުން ބުނާތީ އެވެ. ހަމައެގޮތަށް މިއަދު ރައީސް ސޯލިހްގެ ވެރިކަމަކީ "ވައްކަންކުރާ" ، "އިންޑިއާ"ގެ ސަރުކާރެއް ކަމަށް ބުނާ މީހުންވެސް އުޅޭތީ އެވެ. އެހެންނަމަވެސް މިއިން އެއްވެސް ސަބަބަކީ އަދި އެއްބުރުން އިންތިހާބު ވަކިކޮޅަކަށް ބުރަވެގެން ދާނެ އަސާސެއް ކަމަކަށް ނުބެލެވެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ހަނދާނަށް ގެންނަވާށެވެ. ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ. މުޅި ދައުލަތް އޮތީ އެމަނިކުފާނުގެ އަތްދަށުގަ އެވެ. ސަރުކާރުގެ ހުރިހާ ވަސީލާތެއް އޮތީ ރައީސް ޔާމީންގެ މުށުތެރޭގަ އެވެ. ގާތްގަނޑަކަށް ރައީސް ޔާމީން އޮތީ މުޅި ދައުލަތް ހިސޯރުކޮށްފަ އެވެ. ސިނަމާލެ ބްރިޖް ހުރީ ހުޅުވިފަ އެވެ. އައިޖީއެމްއެޗް 25 ބުރީގެ ހޮސްޕިޓާ ހުރީ މުޅިންހެން ނިމިފަ އެވެ. ތަރައްގީގެ މަސައްކަތްތަކެއް ނުހިންގާ ރަށެއް މަދެވެ. ބަނދަރެއް، ފެނާއި ނަރުދަމާއެއް، ފްލެޓެއް، ސްކޫލެއް، މިސްކިތެއް، އެއާޕޯޓެއްގެ މަސްރޫއެއް ނުހިގާ ރަށެއް މަދެވެ. އެރަށެއްގެ އާބާދީގެ ނިސްބަތުން އެކަށީގެންވާ ތަރައްގީގެ މަސައްކަތެއް ނުހިގާ ހަމަ އެންމެ ރަށެއްވެސް ނުހުންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މީގެއިތުރުން ދިވެހި ސިޔާސީ މައިދާން އޭރު އޮތީ ޗައިނާ އިން މުޅިން ބަނދެލާފަ އެވެ. ޕާޓީތަކުގެ ލީޑަރުން ތިބީ ޖަލުގަ އެވެ. އަނެއްބަޔަކު އެމީހުންގެ ފުރާނައަށް ބިރުން ތިބީ އަމިއްލައަށް އަރުވާލެވިގެން ބޭރު ގައުމު ތަކުގައެވެ. ސިޔާސީ ގޮތުން ހުރިހާ މޮޅެއް ރައީސް ޔާމީނަށް އޮތީ ނެންގެވޭ ގޮތަށެވެ.

ރައީސް ޔާމީން ސަރުކާރުގެ ނުފޫޒާއި ބޭއިންސާފުގެ ސަބަބުން އެންމެ ފަހުވަގުތާ ޖެހެންދެންވެސް އޭރު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އޭރު ރައްޔިތުންނަށް ކެންޑިޑޭޓެއް ވެސް ނުދައްކަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދު ތަންފީޒު ކުރަންޖެހޭ ހުކުމެއް އޮތުމުގެ ސަބަބުން އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ގެއްލުވާލާފަ އެވެ. ނަތީޖާ އަކަށްވީ ހުރިހާ އިދިކޮޅު ޕާޓީތައް އެކުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޖެހުމެވެ.

އެއިރު ރާއްޖޭގެ ސިޔާސީ ވެއްޓަށް އޮތީ ނާމާންކަމާއި އަނދިރިކަން ފެތުރިފަ އެވެ. ސިޔާސީ ބޭފުޅުންގެ ހިތްތަކުގައިވަނީ ބިރުވެރިކަން އުފެދިފަ އެވެ. އިދިކޮޅުން ބުނަމުން ދިޔައީ ރައީސް ޔާމީނުގެ ވެރިކަމެއްގައި އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ ކަމަށެވެ. އަދި ހަމައެއާއި އެކު ބައިނަލްއަގްވާމީ މުޖުތަމައުން ރައީސް ޔާމީނުގެ ސަރުކާރަށް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.

ކުރިން މި ފާހަގަކުރި މާހައުލުގައި 2018 ވަނަ އަހަރު އިންތިހާބު ބޭއްވި އެވެ. ނަތީޖާ އަކީ 134،705 ވޯޓުން އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރުމެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 58.38 ޕަސަންޓެވެ.

ދައުލަތާއި، ސަރުކާރާއި ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި، ބްރިޖާއި، އައިޖީއެމްއެޗްގެ 25 ބުރި އިމާރާތާއި، 7،000 ފްލެޓާއި، ފެނާއި ނަރުދަމާއާއި، އެއާޕޯޓާއި، ބަނދަރާއި، ސްކޫލާއި، ހުޅުމާލެ ފޭސް 2 ހިއްކުމާއި އަދި އިދިކޮޅު ސިޔާސީ ބޭފުޅުން ޖަލަށް ލައްވައި ދެން ތިބި ބަޔަކު ރައްޖޭއިން ބޭރަށް އަރުވާލެވިގެން ތިބެ، ރައީސް ޔަމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ ނިސްބަތުން 41.62 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ތަކުގެ ނަތީޖާތައް ވަޒަންކޮށްލާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 176،567 މީހުން ވޯޓު ލާފައިވެ އެވެ. 2013 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި 206،173 މީހުން ވޯޓު ލާފައިވެ އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 230،757 މީހުން ވޯޓު ލާފައިވެ އެވެ. މީގެތެރެއިން ރައީސް ސޯލިހްގެ ކޯލިޝަން އިންތިހާބު ކާމިޔާބުކުރީ 134،705 ވޯޓުންނެވެ. އެއީ ވޯޓް ލީ މީހުންގެ 58.38 ޕަސަންޓެވެ.

ފާއިތުވި ތިން ދައުރުގެ ތަފާސްހިސާބަށް ބަލާއިރު ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 254،000 މީހުން ވޯޓުލާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ކޮންމެ ޕާޓީ އަކުންވެސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނަމަ ރަނގަޅު 130،000 ވަރަކަށް ވޯޓު ހޯދަން ޖެހޭނެ އެވެ.

ކުރިން އިޝާރާތްކުރި ސަބަބުތަކާ އެކު 2018 ވަނަ އަހަރު ރައީސް ޔާމީނު ގިނިކަންޏާ ނިކުމެވަޑައިގެން، މަރަށް، ފުރާނައަށް އަދި ބާރާއި ނުފޫޒު ދައްކަވައިގެން ކުރެއްވުނު ވަރަކީ 96،052 ވޯޓެވެ. އެހެންކަމުން މިއަދު އެއިން އެއްވެސް ބިރަކާ ނުލާ ގިނިކަންޏާ ޕީޕީއެމް އިން ނިކުމެ 2018 ވަނަ އަހަރު ހޯދި ވޯޓަށް ވުރެ އިތުރަށް 33،000 ވޯޓު ހޯދުންވާނީ "ސިޔާސީ މުއުޖިޒާ" ތަކަށެވެ.

ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު 2023 ގައި ވެސް ރާއްޖޭގައި އުފެދޭ ސަރުކާރަކަށް ވަނީ ކޯލިޝަން ސަރުކާރެކެވެ.

އަގައިގެ ތެރޭގައި ދޫ ހެލޭ ކޮންމެ މީހަކަށް، ކޮންމެ އެއްޗެއް ވެސް ބުނެވިދާނެ އެވެ. އެމްޑީޕީ ވިޔަސް އަދި ޕީޕީއެމް ވިޔަސް އެއް ބުރުން ރިޔާސީ އިންތިހާބު ކަމިޔާބު ކުރުން އަދި ފެންނަނީ ހުވަފެނެއްގެ ގޮތުގަ އެވެ. އެއްޕާޓީއެއް އެކަނި ނުކުމެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ވާނީ ތިނޯހެއްގެ ފަގައިން ޖަމަލެއް ދިއުން ފަދަ ކަމަކަށެވެ.