އައްޑޫ ސިޓީ އާއި ގއ. އަތޮޅާއި ގދ. ގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވެ އެ ޕާޓީގެ ފިކުރު ފަނޑުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންގެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ އައްޑޫ އާއި ގއ. ގދ. އަތޮޅަށް އިދިކޮޅު ދެ ޕާޓީން ފެށި ދަތުރާ ގުޅުވައި އަވަސް އިން ސުވާލު ކުރުމުން ނެވެ.
އަދުރޭ ވިދާޅުވީ އެ ދެ ޕާޓީން މިހާރު ކުރަމުންދާ ދަތުރުތަކުގައި ފެންނަމުން ދަނީ ސަރުކާރު ފެއިލް ވެފައިވާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ ސިޓީއަކީ އެމްޑީޕީ ފިކުރު ވަރަށް ބޮޑަށް އޮތް އަތޮޅެއް ކަމަށާއި ނަމަވެސް އެ ފިކުރު މިހާރު އެ އަތޮޅުގައި ފަނޑުވެ ޕީޕީއެމް ފިކުރުގެ ކުލަ ގަދަވާން ފަށާފައިވާ ކަމަށެވެ. އެކަން އެނގޭތީ ސަރުކާރު ހިންގާ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރި އައްޑޫގެ ގިނަ ބަޔަކު މިހާރު އިދިކޮޅާއި ގުޅެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫ އާއި ހުވަދު އަތޮޅުގެ ރައްޔިތުން މިހާރު ތިބީ އެމްޑީޕީއާ އެކުގައި ނޫން ކަމަށާއި އެ ފަރާތްތައް މިހާރު ބޭނުން ވަނީ ވައުދު ފުއްދައިދޭ ތަރައްގީ ގެނެސްދޭނެ ވެރިއެއް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި އެ ވެރިއަކީ ރައީސް އަބްދުﷲ ޔާމީންކަން ރައްޔިތުން ގަބޫލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އައްޑު އަތޮޅާއި ހުވަދު އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގައުމުގެ މިނިވަންކަމައި މެދު ކަމަށާއި ބޭރު ބައެއްގެ ބާރުދަށައް ރާއްޖެ ގޮސްދާނެތީ ރައްޔިތުން ވަރަށް ކަންބޮޑުވެފައި ތިބި ކަމަށެވެ.
"މަވެސް ޕީޕީއެމް" ގެ ނަމުގައި އަތޮޅުތަކަށް ކުރާ ސިލްސިލާ ދަތުރު ތަކުގެ ތެރެއިން ހުވަދު އަތޮޅަށާއި އައްޑޫ އަތޮޅަށް ޕީޕީއެމްގެ ޓީމުތައް ކުރި ދަތުރު މިއަދު ވަނީ ނިންމާލާ އެވެ. ދަތުރުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން އެކުލަވާލާ މެނިފެސްޓޯ އަށް ރައްޔިތުންގެ ހިޔާލު ހޯދާފައި ވެއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރަން ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ރައްޔިތުންގެ އެހީތެރިކަން ހޯދަން ވެސް މަސައްކަތް ކުރި އެވެ.
"މަވެސް ޕީޕީއެމް" ގެ ނަމުގައި ކުރާ ސިލްސިލާ ދަތުރުތަކުގެ ފުރަތަމަ ދަތުރު މިއަހަރު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ހއ. އަތޮޅަށެވެ.