ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޔާމީން މިނިވަން ކުރެވޭނެ، ކުރަންވެސް ޖެހޭނެ: ޑރ. ޖަމީލް

އަވަސްގެ މިއަދުގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމް

ކުރިއަަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާ އިންތިހާބު ކުރިމަތިވާއިރު އިންތިހާބުގެ ވާދަ ކުރަން އުނި ވާނެ އެއްވެސް ޝަރުތެއް އެމަނިކުފާނު ނޯންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އަވަސްގެ ހުކުރު ދުވަހުގެ ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. ޖަމީލް ވަނީ 2023 ގެ އިންތިހާބުގައި ރައީސް ޔާމީނަށް ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ވަރަށް ގިނަ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އެބައޮތެވެ. އެ މައްސަލައިގެ އިސްތިއުނާފު މިހާރު ސުޕްރީމް ކޯޓްގައި ކުރިއަށްދާއިރު ދަށު ކޯޓްގެ ހުކުމް ދަމަހަައްޓައިފިނަމަ ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތެއް ނޯންނާނެ އެވެ. އަދި އެ ހުކުމް ބާތިލުކުރި ނަމަވެސް މިހާރު ދަށު ކޯޓް މަރުހަލާގައި ހިންގާ ޝަރީއަތްތަކުން އިތުރު ހުކުމެއް އައި ނަމަވެސް އިންތިހާބުން ފުރުސަތު ނުލިބޭނެ އެވެ. އެހެން ކަމުން 2023 ގެ އިންތިހާބުން ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިނުގަންނަވާނެ ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލް ވިދާޅުވީ ސިޔާސީ ރައީސް ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެއްވެސް މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ބޭފުޅުންވެސް މިދިޔަ ދިގު މުއްދަތުގައި މަސައްކަތް ކުރެއްވީ ސިޔާސީ ދާއިރާގައި ކަމަށާ އެއްވެސް ބަޔަކަށް ގަދަބާރުން ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި ބަޔަކު ކަންކުރާހާ ގޮތް ބަލަހައްޓައިގެން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހަމަ އެއްވެސް ދިމާއަކުން ބަލާ ބަލާ ނުފެނޭ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނޭ އެ ވިދާޅުވާ ބޭފުޅުން އެ ބަލާ މަންޒަރެއް އަޅުގަނޑަށް ނުފެނޭ އިނގޭތޯ. އެއީ ސަބަބުތަކެއްވެސް ހުރެގެން. އެއީ މިއީވެސް ގައުމެއް. މި ގައުމުގައިވެސް ކަންތައްތައް ހިނގާ ވަކި ތަރުތީބެއް އޮވޭ. ވަކި ކަންތައްތަކެއް ކުރެވޭނީ ވަކި ބަޔަކާއެއްކޮށް. މިތާންގައި ޓޫރިޒަމްގެ ބޮޑު ކަމެއް ހިންގަންޏާ އަޅުގަނޑަށް އެނގޭ އެކަން ކުރެވޭނެ ހަތަރު ފަސް މީހެއްގެ ނަން. އެ މީހުން ނުހިމެނޭ ގޮތަށް މަޓީއެއް އެކުލަވާ ނުލެވޭނެ. އެހެންވީމަ ކުރިއަށް އޮތް ދިހަ ބާރަ އަހަރުގައި ރައީސް ޔާމީން، ރައީސް ނަޝީދު، އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް މައުމޫން، މި ބޭބޭފުޅުންގެ ބަހަކާ ނުލާ މި ބޭފުޅުން ނުހިމެނޭ ގޮތަށް ހިނގާ އިންތިހާބެއް، އަޅުގަނޑަކަށް ނުފެނޭ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިއަދުވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށާ އެމަނިކުފާނު ބައިވެރިކުރާން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީއަކީ މިއަދު ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން ކަމަށް ވިދާޅުވެ އިދިިކޮޅު ކޯލިޝަންގެ ރައްޔިތުޖްގެ ރުހުމެއް ނެތި ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް މި ފަޅީގެ [އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ] ރުހުމެއްް ނެތި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ. އެގޮތަކަށް ގަދަ ބާރުން ކަންކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ޑިމޮކްރަސީ މި އޮތީއެއް. އެއީ އެއް ކަންތައްތައް. ދެވަނަ ކަމަކީ މިކޮޅުގެ [އިދިކޮޅު] ރުހުން ލިބޭނީ ކިހިނެތް ހެއްޔޭ. އެ ރުހުން ލިބޭ ލީޑަރު އެ އިންތިހާބުގައި ބައިވެރި ކޮށްގެން. ދެން ބައެއް ބޭފުޅުން ކުރައްވާނެ ސުވާލެއް މިނިވަން ނުވެއްޖެއްޔާ ދެންވާނީ ކިހިނެތްހޭ. މިނިވަންވެސް ވާނެ. މިނިވަން ކުރަންވެސް ކުރެވޭނެ. އަދި ކުރަންވެސް ޖެހޭނެ،"

ޖަމީލް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށްވެސް ފުރުސަތު ނުލިބޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ހީކުރި ކަމަށެވެ. ނަމަވެސް އިންތިހާބު ބޯމަތިވެގެން އައިއިރު ނަޝީދު ހުންނެވީ ރިޔާސީ ރޭހުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަރުތުތަކާ ދޭތެރޭ އުފެއްދި ސުވާލުވެސް ނެތިގެން ދިޔަ ކަމަށެވެ. 2023 ގެ އިންތިހާބުގައިވެސް ކަން ހިނގާނީ އެ މަގުން ކަމަށް ވިދާޅުވެ ޖަމީލް ވަނީ މާނަ ފުން ވާހަކަތަކެއް ވިދާޅުވެފައެވެ.

"މޭޒު ދޮށުގައި އިށީންދެގެން ތިބެގެންވެސް ވަރަށް ގިނަ ކަންކަން ނިމިގެންދާނެ. އެހެންވީނަ ގަބޫލު ކުރައްވާ. އިންތިހާބު ބޭއްވޭނީ ރައީސް ޔާމީނާ އެކީގައި. 2023 ގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ވަޑައިގަންނަވާނީ. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އަގީދާއެއް،" ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމްގައި ރިޔާސީ ޓިކެޓަށް ވާދަވެރިކަން ނެތް ކަމަށާ މުޅި ލީޑާޝިޕްގެ ވިސްނުމަކީވެސް 2023 ގައި ރައީސް ޔާމީނާއެކު ކުރިއަށް ވަޑައިގަތުމުން ކަމަށެވެ. އަދި އެއީ ވަރަށް އިހުލާސްތެރިކަމާއެކު އޮތް ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ވަރަށް ގިނަ ފުރުސަތުތައް ދެއްވުމުންވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިނުގެން ހުންނެވީ އެމަނިކުފާނުވެސް ރިޔާސީ އިންތިހާބަށް "ހިސާބު"ތަކެއް ޖައްސަވާތީ ކަމަށެވެ.

"ޕީޕީއެމުން އިތުރު ބޭފުޅަކު ނުހުންނަވާނެ. ހުންނަވާނީ ރައީސް ޔާމީން. އެކަން ގަބޫލުކުރައްވާ،"

ފުރަތަމަ ކަމަކަށް މި ފަޅީގެ [އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ] ރުހުމެއްް ނެތި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެ. އެގޮތަކަށް ގަދަ ބާރުން ކަންކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ޑިމޮކްރަސީ މި އޮތީއެއް. އެއީ އެއް ކަންތައްތައް. ދެވަނަ ކަމަކީ މިކޮޅުގެ [އިދިކޮޅު] ރުހުން ލިބޭނީ ކިހިނެތް ހެއްޔޭ. އެ ރުހުން ލިބޭ ލީޑަރު އެ އިންތިހާބުގައި ބައިވެރި ކޮށްގެން. ދެން ބައެއް ބޭފުޅުން ކުރައްވާނެ ސުވާލެއް މިނިވަން ނުވެއްޖެއްޔާ ދެންވާނީ ކިހިނެތްހޭ. މިނިވަންވެސް ވާނެ. މިނިވަން ކުރަންވެސް ކުރެވޭނެ. އަދި ކުރަންވެސް ޖެހޭނެ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ސުޕްރީމް ކޯޓްގައި ހިނގަމުންދާ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތާއި ގުޅޭގޮތުންވެސް ޖަމީލް ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. ޖަމީލް ވިދާޅުވީ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އޮޅުވާލުމުގެ ތެރެއިން ކަމަށެވެ. އަދި އެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް ކުރެވޭނެ ދައުވާއެއްވެސް ނޫން ކަމަށެވެ.

މަނީލޯންޑަރިންގެ ދައުވާ އުފުލަނީ ކަޅު ފައިސާ އެއީ ކޮން ފައިސާއެއްކަން ނޭންގޭ މިންވަރަށް އޮޅުވާލުމުން ކަމަށާ ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ހުރިހާ ގޮތަކުންވެސް ތަފާތެވެ.

"އެ ފޮނުވި ފައިސާ ބެންކުގައިވެސް އެބަހުުރި އަދި އެކްސްކްރޯގައިވެސް އެބަހުރި. އެހެންވީމަ އަޅުގަނޑު ދަންނަވަން މި އުޅެނީ މަނީލޯންޑާ މިތާންކު ނެތޭ. ކަޅު ފައިސާ ދޮވުމުގެ އެއްވެސް ކަމެއް ނެތޭ. އެ ފައިސާގެ ޓްރޭސް ގެއްލުވާލުމަށް ކުރި އެއްވެސް ކަމެއް ނެތޭ. އެހެންވީމަ މި ދަންނަވަނީ އަޅުގަނޑަށް މިކަން ވަރަށް ސާފޭ. އެއީ ކިރިއާވެސް މިކިޔާ މަނީލޯޑަރިންގެ ގާނޫނު އޮންނަ ގޮތް ދުނިޔޭގެ ގައުމުތަކުގައި ބަލައިފިނަމަ މި މައްސަލަ އަޅުގަނޑަށް ޔަގީން މި މައްސަލައަކު ނެތް މި ކުށް ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނޫން،"

ސުޕްރީމް ކޯޓްގައި ހިނގަމުންދާ އިސްތިއުނާފުގެ އަޑުއެހުންތަކާއިމެދު ޖަމީލް ވަނީ ހިތްހަމަޖެހުން ފާޅު ކުރައްވާފައިވެއެވެ. ވިދާޅުވީ ފަނޑިޔާރުން ގިނަ ވަގުތު ހޭދަކުރައްވައިގެން އެ ބޭފުޅުން ދެއްކެވި ހުރިހާ ވާހަކަތައް އަޑުއައްސަވައިފި ކަމަށެވެ. އަދި ދައުލަތުން އޮޅުވާލަން އުޅޭ އުޅުން އެ ފަނޑިޔާރުންނަށް އޮޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިއީ ސަމާސާ ވާހަކައެއް ނޫން. އެއީ މިގޮތަށް މި ގާނޫނު މާނަކޮށްފި ކަމަށްވާނަމަ އެއީ މީހަކު އެހެން މީހަކަށް ދަރަންޏަށްދޭ ފައިސާ ނަގައިގެން ހުއްޓާވެސް އައިސް މަނީލޯންޑާ ކޮށްފާނެ. އެއީ ފަހުން ބުނެފާނެ އެއީ އެ މީހާ ކުށަކުން ހޯދި ފައިސާ ކަމަށް. މި ހަމަ ތެދަން މި ދަންނަވަނީ،"

ޖަމީލް ވިދާޅުވީ ދައުލަތުން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހު ވަގުތުވެސް މި މައްސަލަ އޮޅުވާލަން ކަމަށެވެ. އަދި އެ މަގުސަދުގައި ކޮންމެ މަރުހަލާއެއްގައިވެސް އެކި ގޮތްގޮތަށް ސްޓޭންޑް ބަދަލު ކުރަމުންދާ ކަމަށެވެ. ދަށު މަރުހަލާގައި ރައީސް ޔާމީނަށް ދައުވާ ކުރި މައްސަލާގައި ހިމެނެނީ ކޮން ފައިސާއެއްކަން ބުނެދޭން ނުޖެހޭ ކަމަށް ދައުލަތުން ބުނިއިރު ހައިކޯޓްގައި މައްސަލަ އޮޅުވާލަން އެ ފައިސާއަކީ ވަކި ރަށަކުން ހޯދި ފައިސާއަށް ވާން ނުޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެއީ ގޯސްކޮށް ހޯދި ފައިސާ ކަމަށް ބުނުން ފިޔަވައި އެހެން އެއްވެސް ކަމެއް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ އެންމެ ފަހުގެ އަޑުއެހުމުގައި އީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުއްލާގެ ފައިސާ ކަމަށް ދައުލަަތުން ބުނެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއީ މި މައްސަލާގައި މިހާތަނަށް ދައުލަތުން ނުދައްކާ ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި ދޮގުތަކާއި ވާހަކަތައް މި ދައްކަން ޖެހެނީ ވަކި މީހަކު ފްރޭމްކޮށް ވަކި ދައުވާއަކަށް ފިޓް ކުރަން މަސައްކަތް ކުރާތީ. އަޅުގަނޑަށް ޕްރޮސެކިއުޓަރުގެ މި އަމަލު ސިފަ ކުރެވެނީ ކްރިމިނަލް އެކްޓެއްގެ ގޮތުގައި،" ކުރީން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.