އަބްދުﷲ ރިޔާޒް

އެމްޑީޕީ އާއި ޕީޕީއެމް ފެއިލްވެއްޖެ، އުންމީދު އޮތީ އެމްއެންޕީގައި: ރިޔާޒު

ރިޔާޒު ބައިވެރިވެވަޑައިގެންނެވި "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމް -- އަވަސް ވީޑިއޯ: އަހުމަދު ރަމީޒު (އަންދު)

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްއިން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށް ދިނުމުގައި ފެއިލްވެފައިވާ ކަމަށާއި 2023 ގައި ރައްޔިތުން އެ ޕާޓީތަކަށް ފުރުސަތު ނުދޭނެ ކަަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި އެ ޕާޓީގެ އެއް މުއައްސިސް ތިމަރަފުށީ ދާއިރާގެ މެންބަރު އަަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަވަސްގެ ޕޮލިޓިކަލް ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރިޔާޒު މިއަދު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން ވެސް ފެންނަނީ ދެ ޕާޓީގެ ވެރިންގެ ޝައުގުވެރި ކަމަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އެ ދެ ޕާޓީން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް އަބްދުﷲ ޔާމީން ނޫން އެހެން އެއްވެސް ބޭފުޅަކަށް އެންމެ މަތީ މަގާމަށް ޝައުގުވެރިކަން ވެސް ފާޅުކޮށްލަން ނުކެރޭ ހާލަތުގައި ކަމަށެވެ. އެމްޑީޕީން ވެސް ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ނޫން މީހަކަށް އެ ފުރުސަތު އޮތޭ ވެސް ބުނަން ނުކެރޭ ހާލަތުގައި ޕީޕީއެމް އެ އޮތީ. އެވަރަށް މީހުން ކޮންޓްރޯލް ކޮށްގެން ސަޕްރެސް ކޮށްގެނެއް ނޫން ޕޮލިޓިކްސް ކުޅެން ވާނީ. ހަމަ އެހެން އެމްޑީޕީ ވެސް އެ އޮތީ،"

ރިޔާޒު ވިދާޅުވީ 2023 ގެ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް ތަފާތު އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވީތީ ރައްޔިތުން ވޯޓް ނުދޭނެކަން އެ އިންތިހާބުން ފެންނާނެ ކަމަށެވެ. ހަމައެކަނި ބްރިޖާއި ފްލެޓް އަޅައިދޭނެ ކަމަށް ބުނާ ވެރިއަކަށް ވެސް ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އިންތިހާބުން ޔާމީނަށް ފުރުސަތެއް ނެތް

ދެހާސްތޭވީހުގެ ރިޔާސީ ރޭހާއި ގުޅޭގޮތުން ވެސް ރިޔާޒު ވާހަކަ ދެއްކެވިއެވެ. ރިޔާޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބުން އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާ މަންޒަރެއް އޭނާއަށް ފެނިވަޑައި ނުގަންނަވައެވެ.

ވެރިކަމުގައި ހުންނަވާ ރައީސް ޔާމީން ކުށްކުރައްވާފައިވާ ކަމަށާ އެއީ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނަތަކީ އެންމެ މީހަކާއި ހަމައިން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާ އެއީ ދައުލަތުގެ މަގާމުތަކުގައި އޭރު ތިއްބެވި އެތައް ބަޔަކު ބަޔަކު ގުޅިގެން ހިންގި "ސްޓޭޓް ސްޕޮންސާޑް އޮގަނައިޒް ކްރައިމް" އެއް ކަމަށްވެސް ވިދާޅުވި އެވެ.

އަދި ހިޔާނާތުގެ ފައިސާގައި ރައީސް ޔާމީން ޖެހިވަޑަައިގެންފައިވާކަން މިހާރު ހިނގަމުންދާ ޝަރީއަތުންވެސް ހާމަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ރޭހުގައި ބައިވެރިވެވޭ ތަނެއް. އެ ނުފެންނަ ސަބަބަކީ އެމަނިކުފާނުގެ ހިންގޭ އެ ހިންގޭ ޝަރީއަތްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް، ދެބަސްނުވެވޭ ހަގީގަތަކީ އެމަނިކުފާނަށް ލިބިވަޑައިގެން މުސާރަ ނޫން އެހެން ފައިސާ އެމަނިކުފާނުގެ އެކައުންޓްގައި ހުރިކަން. ރާއްޖޭގެ ވެރިކަންކުރާ ބޭފުޅެއްގެ އެކައުންޓަށް އެހާ ގިނަ އަދަދެއްގެ ފައިސާ ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ،"

ރިޔާޒު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް އިތުބާރު އެބައޮތެވެ. އިންސާފުވެރިކަމާއެކު ޝަރިއަތް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. ސުޕްރީމް ކޯޓުން ކިތަންމެ ވަރަކަށް ބެލިނަމަވެސް ޝަރުއީ މަރުހަލާއިން ރައީސް ޔާމީނަށް ލުޔެއް ލިބޭނެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާއިން ރައީސް ޔާމީނަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް. އިންސާފުވެރި ޝަރީއަތެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހުރިހާ ހައްގުތަކެއް ލިބިވަޑައިގަންނަވަންވާނެ،"

އެންމެ ރަނގަޅު ޗޮއިސްއަކީ އެމްއެންޕީ

ރިޔާޒު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަށް އެމްއެންޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި މިހާރު އެ ފުރުސަތަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

ނާޒިމަށް އޭނާގެ ފުރިހަމަ ތާއީދު އޮތްކަންވެސް މިއަދު ހާމަކުރެއްވިއެވެ. އަދި 2023ގެ ރިޔާސީ ކެންޑިޑޭޓުން އަތުރާލާއިރު ނާޒިމަށްވުރެ ވަރުގަދަ ޝަހުސިއްޔަތެއް ރައްޔިތުންނަށް ފެނިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ނާޒިމަކީ އޭނާގެ ޓްރެކް ރެކޯޑް ސާފު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ގައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައި ނާޒިމް ދައްކަވާފައިވާ ލީޑާޝިޕާއި ޖީއެމްއާރު ބޭރުކުރުމުގެ ނިންމުން ތަންފީޒު ކުރެއްވީވެސް ނާޒިމްގެ ޑިފެންސް މިނިސްޓަރު ކަމުގައި ކަމަށް ވިދާޅުވިއެވެ. އަދި އަސްކަރިއްޔާގައި ހޭދަކުރެއްވި 25 އަހަރާއި އަމިއްލަފުޅު ވިޔަފާރީގައި ނާޒިމު ހޯއްދަވާފައިވާ ކާމިޔާބަކީ ރައްޔިތުންނަށް އޮތް ބޮޑު އިތުބާރެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރުވެސް އިންތިހާބަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ބައްލަވާ. ޑެލިވާ ކޮށްދެއްވާފައިވާ މީހުންނާއި ކޭޕަބަލް މީހުންނާއި ކޮމިޑެޓް މީހުންނާއި މުރާލި މީހުންނާއި އިހުލާސްތެރި މީހުންނާއި ކޮރަޕްޓް ނުވާނެ މީހަކާއި އަޅުގަނޑަށް ޔަގީން އެމްއެންޕީން އަޅުގަނޑުމެން ނެރޭނެ ބޭފުޅަކީ އެފަދަ ބޭފުޅެއް. ދެން މިހާރު އަޅުގަނޑު ތާއީދުކޮށްގެން މިހުރީ ކާނަލް ނާޒިމްއަށް. ދެން އެމަނިކުފާނާއި ވާދަކޮށްގެން އެމަނިކުުފާނު ބަލިކުރެވޭނީ އަދި މާވަރުގަދަ މީހަކަށްކަން ޔަގީން. އަޅުގަނޑަށް ޔަގީން ރިޔާސީ ރޭހުގައި ނާޒިމުގެ ނަން އޮވެއްޖެނަމަ އެއަށްވުރެ ވަރުގަދަ ޝަހުސިއްޔަތެއް ނާންނާނެ. މި ދެންނެވީ މުރާލިވާނެ، ސްޕީޑް ހުންނާނެ އެމަނިކުފާނުގެ،" ރިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ހެޔޮ ކޮންމެ ޕާޓީއަކުން ކޮންމެ ބޭފުޅަކު ނިކުތަސް. އަޅުގަނޑުމެން އަންނާނީ ވަރަށް ސާފު އެޖެންޑާއަކާއެއްކޮށް. ރައްޔިތުން ކުރިމައްޗަށް އަޅުގަނޑުމެން އަންނާނަން. އަޅުގަނޑުމެން ޕާޓީން ކެންޑިޑޭޓެއް ނިކުންނާނެ 2023 ގައި ﷲގެ ރަހުމަތްފުޅާއެކުގައި. އަޅުގަނޑުމެން ވަރަށް ސާފު ހުދު ހުށައެޅުމެއް ހުށައަޅާނަން ރައްޔިތުންނަށް. އަޅުގަނޑުމެން ވަންނާނީ އަޅުގަނޑުމެން ކުރަން އައި ކަންކަން ކޮށްފައި. އެއީ ތަފާތަކީ
އަބްދުﷲ ރިޔާޒު | އެމްއެންޕީގެ ނާއިބު ރައީސް

ސިޔާސީ ގޮތުން ވަކި މީހަކާއެކު ނުވަތަ ވަކި ޕާޓީއަކާއެކު މަސައްކަތް ނުކުރާނެ ހާލަތެއް އަތުވެދާނެތޯ ދެންނެވުމުން ރިޔާޒު ވިދާޅުވީ އެ ސުވާލަށް މިވަގުތު ދެއްވާނެ ޖަވާބެއް ނެތް ކަމަށެވެ. ސިޔާސީ މީހެއްގެ ހައިސިއްޔަތުން ވަކި ކަމެއް ނުކުރާނެ ކަމަށް ބުނުން އޭނާ އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ އެއީ ނާޒިމުގެ ވިސްނުންފުޅު ކަމަށާ އެކަން ހާމަކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނާޒިމާމެދު ރަައީސް ޔާމީންގެ ސަރުކާރުން ކަންކުރެއްވި ގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

އަދި ނުހައްގުން ވަރަށް ބޮޑެތި އަނިޔާތަކެއް ނާޒިމަށް ދެއްވިއިރު އެއީ އެއްވެސް ކުށެއް ނެތި ނާޒިމަށް ދެއްވާ އަނިޔާތަކެއްކަން ރައީސް ޔާމީނަށް އޭރުވެސް އެނގިވަޑައިގަންނަވާނެ ކަަމަށް ވިދާޅުވިއެވެ. އަދި މާފު ކުރެއްވި ނަމަވެސް ނާޒިމާމެދު އަމަލު ކުރެއްވި ގޮތް ނާޒިމާއި އޭނާގެ އާއިލާއަށް ހަނދާނުން ނައްތާނުލެވޭހާ އަނިޔާވެރި ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީ މަސައްކަތުގައި އަދި އެބައޮތް ދުވަސްތަކެއް ހޭދަކުރަން. އެހެންވީމަ އެކަމަށް ވަކި އެއްޗެއް ނުބުނުން ރަނގަޅީ. ސިޔާސީ ގޮތުން ނިންމާ ނިންމުމެއް އަޅުގަނޑު ނިންމާނީ އެވަގުތެއްގެ ހާލަތަށް ބެލުމަށް ފަހު،" ރިޔާޒު ވިދާޅުވިއެވެ.