ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅު ކޯލިޝަން -- ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން -- އިން ބުނެފި އެވެ.
ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގަތް ހަބަރާއެކު ލަންކާގެ ރައްޔިތުން ވަނީ ރުޅިގަދަވެފައެވެ. ލަންކާގެ ރައްޔިތުންގެ ޝުއޫރުތައް އެ ގޮތަށް ހުރުމުން ދިވެހީން ތިބީ ސަރުކާރުން އަމަލު ކުރި ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދަ އާއިވެސް އެކު ކަމަށް ވާތީ މިކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް ގޮވާލާ ކަމަށެވެ.
"... ހަމަ އެއާ އެކު މި ޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާ އެކު މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޖަވާބުދާރީވުމަށް ގޮވާލަމެވެ،"
ލަންކާ ރައްޔިތުންގެ ވިންދާއި އިހްސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެ ގައުމުގެ ރައީސް އަށް ހިމާޔަތް ދިނުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ހާއްސަ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ދައުލަތުގެ ވަޒީރުން ނަންގަވަން ޖެހޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ. އެ ބަޔާނުގައިވަނީ ލަންކާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައެވެ.