ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޒިނޭ ކުރާ މަންޒަރު ހުރި ފޮޓޯތަކެއް ހުރި ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް ވިދާޅުވާ ވިދާޅުވުން ތަހުގީގު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ހަގީގަތް ހޯދާ އެކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލާ ކަމަަށެވެ.
އަދި މި މައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ހާއްސަކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ ގޮވާލާފައެވެ. އަދި އެ މައްސަލައިގެ ތަހުގީގަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަހުގީގަކަށް ހެދުމަށްޓަކައި ވަގުތީ ގޮތުން ނަމަވެސް ތަހުގީގު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަގާމުން އެކަހެރިވުމަށްވެސް ވަނީ ގޮވާލާފައެވެ.
"މިވަރުގެ ބޮޑު ތުހުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫނެވެ. މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަހުގީގަކަށް ފުރުސަތު ދެއްވުން އެދެމެވެ. ހަމައެއާއެކު، އަދީބުގެ އަތުން ކަޅު ދަބަސް ގެންދިޔަ މައްސަލަ އޮއްބާލި ގޮތަށް މި މައްސަލަ އޮއްބާ ނުލުމަކީ ދިވެހި ރައްޔިތުންގެ އާދޭހޭކެވެ،" އިދިކޮޅު ބަޔާނުގައިވެއެވެ.
ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ވާހަކަތައް ނަޝީދު ފެއްޓެވީ ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ޓްވީޓާގައި ލިޔެފައިވާ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެެއީ ތެދެއްތޯ ރޮޒައިނާ އާއި ނާޒިމް ކުރެން އައްސަވާފައިވެއެވެ.