ރިޕޯޓް

"އިންޑިއާ އައުޓު" ކެންޕޭނުން ސަރުކާރަށް ހާސްކަން!

މިނިވަންކަން ގެއްލޭ މަންޒަރު ފެންނަމުންދާ ކަމަށް ބުނެ ގައުމީ ވަރުގަދަ ކެންޕެއިނެއް ކުރިއަށް ގެންދަން ނިންމާ އެކަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނު ކުރީ ޖުލައި މަހުގެ ފަހު ހަފުތާތެރޭގައެވެ. "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ނަމުގައި ހިންގަން ނިންމި ކެންޕެއިންގެ ދައުވަތު އެމްޑީޕީ ފިޔަވައި އެހެން ބޮޑެތި ހުރިހާ ޕާޓީތަކަށް ދިނެވެ. ނަމަވެސް އެއީ ސިޔާސީ މަސައްކަތެއް ކަމަށް ގަބޫލުކޮށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމުން ވެސް އައިކޮޅަށް ދައުވަތު ފޮނުވާލި އެވެ. އެމްޑީއޭ ފަދަ ބައެއް ޕާޓީތަކުން ޖަވާބެއް ވެސް ނުދިނެވެ. "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ނަމުގައި ހިންގަން ފެށި ކެންޕެއިން "އިންޑިއާ އައުޓް" ގެ ނަމަށް ބަދަލުވެ، ފުޅާވެ ބޮޑުވެގެން ދިޔައެވެ.

ކެންޕެއިންގެ މައިގަނޑު އަމާޒެއް ކަމަށް ޕީޕީއެމް އާއި ޕީއެންސީން ބުނަމުން އައީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ ތިބުން ނިމުމަކަށް ގެނައުމެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބޮޑު ނުރައްކަލެއް އޮތް ކަމަށްވެސް ބުނެއެވެ. އެހެން ކަމުން މާލެ އާއި އަތޮޅުތެރޭގައި އެ ކެންޕެއިން ފެށުނެވެ.

"އިންޑިއާ އައުޓް" ކެންޕެއިން ފެށުމާއެކު ސަރުކާރުން އިނގިރޭސި ބަހުން ބަޔާނެއް ނެރުނެވެ. ސަރުކާރުންގެ ނަޒަރުގައި އެއީ މަދު ބަޔަކު ހިންގާ ސިޔާސީ ހަރަކާތެވެ. އަދި އެއީ ރާއްޖެ-އިންޑިއާ ގުޅުން ހީނަރުކުރަން ކުރާ މަަސައްކަތެއް ކަމަށް ބުންޏެވެ. ބައިނަލްއަގްވާމީ ދުނިޔެއަށް އެ ކެންޕެއިންގެ ހަގީގީ މަގުސަދު ސާފު ކޮށްދޭން ފޮރިން މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ފެށިއެވެ. ވަކީން ހާއްސަކޮށް އިންޑިއާއާ އޮތް ގުޅުން ކެނޑިދާނެ ކަމުގެ ބިރަށް އިންޑިއާއަށް އެކަން އިތުރަށް ސާފުކޮށް ދިނެވެ.

ޑިފެންސް މިނިސްޓަރު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އެކި ލެވެލްގެ ބޭފުޅުން އިންޑިއާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގައި މައިގަނޑު މަސައްކަތްޕުޅަކަށް އޮންނަނީ އިންޑިއާގެ ނޫސްތަކާއި ޓީވީ ޗެނަލްތަކަށް "އިންޑިއާ އައުޓް" ކެންޕެއިނާ ބެހޭ ގޮތުން މައުލޫމާތު ދިނުމެވެ. ބައެއް މިނިސްޓަރު ވަނީ އެއީ މަދު ބަޔަކު ހިންގާ އަސާސެއް ނެތް ކެންޕެއިނެއް ކަމަށާ އެ ކެންޕެއިނަށް ރާއްޖޭގައި އޮތީ ވަރަށް ފިނި ތަރުހީބެއް ކަމަށް ބުނެފައެވެ. އަދި އެއީ "ބޮޓުން" ތަކެއް ހިންގާ ކެންޕެއިނެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވިއެވެ.

މިދިއަ ނޮވެންބަރުގެ ފަހު ދުވަހު އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމުން މިނިވަންވެވަޑައިގަތެވެ. އަދި ސިޔާސީ މަސައްކަތް ބާރު އަދި އެހާމެ ހަލުއި މިނެއްގައި ފައްޓަވައިފި އެވެ. މިނިވަންވެވަޑައިގެންތާ 72 ގަޑިއިރުގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ވަރަށް ބޮޑު ރެލީއެއް ކުރިއަށް ގެންދެވި އެވެ. އެ ރެލީގައި ރައީސް ޔާމީން ވަނީ ދޮޅުގަޑިއިރުގެ ތަގުރީރެއް ދެއްވާފަ އެވެ.

އެ ތަގުރީރު ވެގެން ދިޔައީ އިދިކޮޅުގެ "އިންޑިއާ އައުޓް" ކެންޕެއިންގެ ފޮރުވިފައިވާ ވަރަށް ގިނަ ކަންކަން އިތުރަށް ހާމަކޮށްދެއްވި ތަގުރީރަކަށެވެ. ތަގުރީރުގެ ބޮޑުބައި އެމަނިކުފާނު ހާއްސަ ކުރެއްވީ ވެސް އެ މައުލޫއަށެވެ. ރައީސް ޔާމީން އެ ރޭ ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ކެންޕެއިނަކީ އެމަނިކުފާނުގެ ސީދާ އިރުޝާދަށް ފެށުނު ހަރަކާތެވެ. އަދި މިނިވަންވެވަޑައިގެން އެންމެ އިސްކަން ދެއްވަނީވެސް އެ ކެންޕެއިން ވަރުގަދަކޮށް ފުޅާކުރައްވާށެވެ. ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ވަރުގަދަ ކެންޕެއިނަށް ހައްދަވަން ބޭނުންފުޅުވާ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކެންޕެއިންގައި އަމަލީ ގޮތުން އެންމެ އިސްކޮށް ދެން ހުންނަވާނީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހަށް ވަރަށް ހަރުއަޑުފުޅުން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގަ ނެތް ކަމަށެވެ. އިންޑިއާ ސިފައިންގެ އެންމެ މީހެއްގެ ހަމަ އެންމެ ބޫޓް ކިބައެއްވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ފައިބާން ފުރަތަމަ ފަހަރަށް ރަސްމީކޮށް ގޮވާލެއްވިއެވެ. އަދި އެމަނިކުފާނު އެކަމަށް ގޮވާލައްވަނީ ކުރީގެ ރައީސެއްގެ ހައިިސިއްޔަތުންނާއި އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުންނާއި އެތައް ހާސް ބަޔަކު ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ކުރީގެ ރައީސްކަން ކޮށްފައި ހުންނަ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ. އެތައް ސަތޭކަ ބަޔަކު ތަމްސީލުކުރައްވާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހެއްވެސް އެންމެ ބޫޓްގެ ޖޯޑެއްވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޑިސެންބަރު 3، މާލެ ސިޓީ

"އިންޑިއާ އައުޓް" ކެންޕެއިން ވަރުގަދަ ފުޅާވި ހިސާބަކީ މިއީ އެވެ. އޭގެ ފަހަށް އޮންނަ އެތެރޭގެ ކޮންމެ ބައްދަލުވުމެއްގައިވެސް ރައީސް ޔާމީން ގެންދެވީ އެ ކެންޕެއިން ފުޅާ ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. ވިދާޅުވީ މުޅި ރާއްޖެއަށް ކެންޕެއިން ފުޅާކުރައްވަން ބޭނުންފުޅު ކަމަށެވެ. ހުދު އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ރެލީތަކާއި އިހުތިޖާޖުތައް ލީޑު ކުރައްވާނެ ކަމަށެވެ.

ކަން ކުރެއްވެވީސް އެގޮތަށެވެ. ފުރަތަމަ ވަޑައިގަތީ ގުރައިދޫއަށެވެ. އެއަށް ފަހު ތުލުސްދޫއަށެވެ. ދެން އޮތީ ނިލަންދޫ އެވެ. މި ދަތުރުތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ "އިންޑިއާ އައުޓް" ބޮޑު އަކުރުން ލިޔެފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް ޔާމީން ހުންނެވުމެވެ. ބައެއްގެ ނަޒަރުގައި މިއީ މި ޒަމާނުގައި ލީޑަރަކު ކުރައްވާފާނެ ފަދަ ކަމެއް ނޫނެވެ. އަނެއް ބަޔަކަށް އެއީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރައްވާނެ އެންމެ ހުތުރު ކަމަކަށްވިއެވެ. ދެން ތިބި ބަޔަކަށް އެއީ ރައީސް ޔާމީންގެ ގައުމީ އަދި ވަތަނީ ވިސްނުންފުޅު ހާމަވީ ކަމަކަށްވިއެވެ.

ޔަގީނުންވެސް ރައީސް ޔާމީން އެފަދަ ގޮތަކަށް ފެނިވަޑައިގަތުން ވީ ވަރަށް ބޮޑު ކަމަކަށެވެ. ސަރުކާރުން ކުރީން ސިފަކުރި ގޮތަކަށް "އިންޑިއާ އައުޓް" ކެންޕެއިނަކީ ރަށްމެދަށް ވިހާ ބެލެނިވެރިކަން ނެތް ހަރަކާތެއް ނޫންކަން ސާފުވެއްޖެ އެވެ. އަދި އެއީ ދެތިން "ބޮޓުން" ހިންގާ ހަރަކާތެއް ނޫންކަން ވެސް އެނގިއްޖެ އެވެ.

ޔާމީންގެ ކޮންމެ ތަގުރީރެއް ފައްޓަވަނީ އިންޑިއާ ސިފައިން ފައިބާން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ. ކޮންމެ ތަގުރީރެއް ނިންމަވަނީ އަދި ކޮންމެ ތަގުރީރެއްގައި އެންމެ ގިނައިން ތަކުރާރު ކުރައްވަނީ އެ ލަފުޒުތަކެވެ. އަދި އެންމެ ފަހުން އިންޑިއާ ސިފަައިން ރާއްޖޭގައި ތިބީ ރާއްޖެ އަޅުވެތި ކަމަށް ގެންގޮސް މިރާއްޖެ ހިފަންތޯ ވެސް ސުވާލު އުފެއްދަވަ އެވެ.

އެހެންވީމަ މިއީ [ރާއްޖޭގައި ތިބި އިންޑިއާ ސިފައިން] ރާއްޖެ ހިފަން ތިބި ބައެއްތޯ މި ސުވާލު ކުރެވެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ މިތާ ކިހާ ޒަމާނެއް ވަންދެން ތިބި ބައެއްތޯ. ސަރުކާރަކުންނެއް ދައުލަތަކުން ނެތް އެއްގޮތަކަށްވެސް މި މީހުންނާ ދޭތެރޭގައި އެއްބަސްވެވިފައި ހުރި އެއްބަސްވުންތަކުގައި ކިހާ ފުންމިނަކަށްތޯ ދަތުރުކުރަނީ އަންގައިދޭކަށް ބޭނުމެއް ނުވޭ. ހުރިހާ ކަމެއް ސިއްރުކޮށްގެން މިހާތަނަށް ގެންދިޔައީ. އިންޑިއާ ސިފައިން މިތާ ނެތް ކަމަށް ފުރަތަމަ ބުނަމުން ދިޔަައީ. އެކި މަސައްކަތް ކުރުމަށް ފަންނީ ބަޔަކު އައިސް ތިބި ކަަމަށް ފުރަތަމަ ބުނަމުން ދިޔައީ. އެކަމަކު މިއީ މި ސަރުކާރަށް ބަލާއިރު އަޅުގަނޑުމެން ހައިރާންވާންވީ ކަމެއް ނޫން. ދޮގުން އުފެދިފައި އޮތް ސަރުކާރެއް މިއީ. ދޮގުގެ މަތީގައި ދެމި ތިބޭނީ. އެހެންވީމަ މިކަމުގައިވެސް ހެދީ ދޮގު. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެބަ އެނގޭ އިންޑިއާ ސިފައިން ފައިތިލަ ސާބިތުކޮށްގެން އެބަ ތިބިކަން،
ކުރީގެ ރައީސް އަބްދުﷲ ޔާމީން | ޑިސެންބަރު 16، ކ. ގުރައިދޫ

ކޮންމެއަކަސް އަނެއްކާވެސް ސަރުކާރުން އިނގިރޭސި ބަހުން ބަޔާނެއް ނެރެ އިންޑިއާއަށް މައްސަލަ ސާފުކޮށްދޭން މަސައްކަތް ކޮށްފި އެވެ. މި ފަހަރުގެ ބަޔާނުގައި ވެސް ރާއްޖެ-އިންޑިއާ ގުޅުމާމެދު ދޮގު ވާހަކަތައް ފަތުރާ ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދަނީ މަދު ބައެއް ކަމަށް ބުންޏެވެ. އެކަން ކުރާ މަދު ދިވެހީން ވެސް އެ މަޅީގައި ޖައްސާފައިވަނީ ސިޔާސީ މަގުސަދެއް ހާސިލުކުރަން އުޅޭ ބައެއް ކަމަށް ބުންޏެވެ.

އޭގެ ފަހުން ފުލުފުލުގައި ސިޔާސީ އެކި ބޭފުޅުންގެ ޓްވީޓްތަކުން ސޯޝަލް މީޑިއާ ފުރާލެއްވިއެވެ. ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުން "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށް ތަފާތު ޓްވީޓްތައް ކުރައްވަމުން ގެންދެވިއެވެ. އިދިކޮޅުގައި ތިއްބެވިއިރު ޗައިނާއާ ދެކޮޅަށް ކުރެއްވެވި ޓްވީޓްތައް މުޅީން ހަނދާނުން ކެހި "އިންޑިއާ އައުޓް" ހަރަކާތަކީ ޣައްދާރުވުމެއްގެ ގޮތުގައި ސިފަ ކުރަން ފެށިއެވެ. އަދި އެއީ ދިވެހީން ނިކަމެތި ކުރާން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވިއެެވެ.

ހަރަކާތް މަޑުނުޖެހި ކުރިއަށް ގެންދާން ފެށުމުން ކުއްލި ގޮތަކަށް އައީ އެމްޑީޕީގެ ހާއްސަ ބައްދަލްވުމެކެވެ. އިއްޔެ ސަލްޓަންޕާކުގައި އޮތް ބައްދަލްވުމުގައި އެމްޑީޕީގެ މާލެ ރައްޔިތުންނަށް ހާއްސަކޮށްފައި އޮތް "ކޯކަސް ބައްދަލްވުމެ" ކެވެ. އެމްޑީޕީން ވެފައިވާ "ބޯހިޔާވަހިކަން ކަށަވަރުކުރުން" ވައުދާ ގުޅޭގޮތުން އޮތް މި ބައްދަލްވުމުގެ ހޫނު މައުލޫއަކަށްވީ "އިންޑިއާ އައުޓް" ކެންޕެއިންގެ މައްސަލައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ވަރަށް ހޫނުކޮށް އެ މައުލޫއަށް ބަހުސް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" މި ރާއްޖޭގައި ނުގޮވޭނެ އެވެ. އަދި އެ ފުރުސަތު ދީގެން ފުލުސް އޮވެގެން ނުވާނެ އެވެ. ފުލުހުން ނިކުމެ ހުއްޓުވާން ޖެހެއެވެ. އަދި އެމްޑީޕީގެ މެންބަރުން ވެސް އެކަމާ ދެކޮޅަށް ނިކުމެ އިދިކޮޅު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރުވެސް ދެއްވެވިއެވެ. ވިދާޅުވީ އެެފަދަ ގޮތަކަށް އުޅުއްވަނިކޮށް މާލޭގެ މަގުތައް މަތިން އެމްޑީޕީގެ ސަޕޯޓަރުން ދިމާކޮށްލައްވައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.

ބައްދަލްވުމުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ "އިންޑިއާ އައުޓް" ގޮވައިފި ކޮންމެ މީހަކަށް ކަންކަށިމަތީ އަތް ދަމާލުމަކުން އަދަބު ދިނުމަށް އެދިފައެވެ.

އިންޑިއާ އައުޓް ނުގޮވޭނެ، ނުގޮވޭނެ. އެއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ މަސްލަހަތާ ހިލާފު ކަމެއް. ކަނޑައެޅިގެން މި ރާއްޖޭގެ އެކިއެކި ތަންތަނުގައި ގޮވުމަކުން ނުހިނގޭނެ. ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެނެއް ބޭރަށް ނުކުމެ ގޮވުމަކުންނެއް ނުހިންގެވޭނެ. އެއީ ދިވެހިރާއްޖޭގެ ފުލުހުން ނުކުމެ ހުއްޓަންޖެހޭނެ ކަމެއް
ރައީސް މުހައްމަދު ނަޝީދު | ޑިސެންބަރު 22، ސަލްޓަންޕާކް

އެ ބައްދަލްވުމުގެ ކުރީން ދައުލަތުގެ މީޑިއާއިން ގެންދިޔައީ ރޭގެ "ރާއްޖެ މިއަދު" ޕްރަގްރާމް ވަރަށް ހާއްސަ ވާނެ ކަމަށް އިއުލާނު ކުރަމުންނެވެ. ރައްޔިތުންނަށް ހަގީގަތް ބުނެދީ އިދިިކޮޅުގެ މަކަރުވެރި ރޭވުން ހާމަކޮށްދޭން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޓީވީއަށް އަރާވަޑައިގަންނަވާ ކަމަށެވެ.

ދައުލަތުގެ މީޑިއާގެ އެންމެ ބޮޑު ކަރަންޓްއެފެއާޒް ޓޯކް ޝޯ ރޭ ހާއްސަކޮށްފައި އޮތީ "އިންޑިއާ އައުޓް" ކެންޕެއިނާ ދެކޮޅަށެވެ. މާ އޮއްޓަރު ހުރި ވާހަކަތަކެއް ވިދާޅުނުވެވުނަސް ޗީފް އޮފް ސްޓާފް ވަނީ ގަޑިއެއްހާއިރު ލައްކަ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ އެ ކެންޕެއިނަކީ ސަރުކާރުގެ ބިޔަ ތަރައްގީ "ހަޖަމު" ނުވެގެން ބަޔަކު ކުރިއަށް ގެންދާ ކެންޕެއިނެއް ކަމަށެވެ. އެކަމުގައި ބައިވެރިވެ ތަރައްގީއަށް ހުރަސް އެޅޭ ފަދަ ކަމެއް ނުކުުރުމަށް ތަކުރާރުކޮށް އެދިވަޑައިގަތެވެ. ދެން ދެއްކެވީ އެމްޑީޕީގެ ބައެއް އެހެން މެންބަރުންވެސް ދައްކަވާ ވާހަކަތަކެވެ. ރާއްޖޭގެ ސިފައިން އިންޑިއާގައި ތިބޭ ވާހަކަ އެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމެވެ. އިންޑިއާ އާ ނުލައި ރާއްޖެއަށް އުޅެވެން ނެތް ވާހަކައެވެ. ފިޔާކޮޅެއް ހަޑޫ އަދި ހަރުކޮޅެއްވެސް ދިއްކޮލަނީ އިންޑިއާއިން ކަމެވެ. ބޭހަށް ދާން އިންޑިއާއަކީ އެފަދަ ދެވަނައެއް ނެތް ތަނެއް ކަމެވެ. އެފަދަ މުހިންމު ބަޔަކާ ދެކޮޅުވެވޭނެ ހެއްޔޭ ވިދާޅުވެ ރައްޔިތުންނަށް ސުވާލެއް ކުރިމަތި ކުރުވިއެވެ.

ކޮންމެ އަކަށް "އިންޑިއާ އައުޓް" ކެންޕެއިނުން ސަރުކާރު ޕްރެޝަރަށް ވައްޓާލައިފި އެވެ. ކޮށިއަރުވާލައިފި އެވެ. ހުރިހާ ކަމެއް ހުއްޓާލާ އެ ކެންޕެއިނާ ދެކޮޅަށް މަސައްކަތް ކުރާން ޖެހިއްޖެ އެވެ. މިވީ ކިހިނެތް ހެއްޔެވެ. ދެތިން ބޮޓުން ހިންގާ ކަމަށް ބުނި ކެންޕެއިން އަތު ނުޖެހޭ ހަމައަށް ބޮޑުވީ ހެއްޔެވެ. ސިޔާސީ މަގުސަދެއްގައި ސިޔާސީ މަގުސަދެއް ހާސިލުކުރަން ފެށި ކެންޕެއިންގައި ގައުމީ ވަރުގަދަ ރޫހެއް އުފެދުނީ ކަމަށް ސަރުކާރުން ދެކުނީ ހެއްޔެވެ. ކެންޕެއިން ފުޅާވެ ނުހިފެހެއްޓޭނެ ހިސާބަށް ދިޔައީ ކަމަށް ސަރުކާރު ދުށީ ހެއްޔެވެ. ނޫނީ ކެންޕެއިން ހުއްޓުވުނު ގޮތަކަށް ހުއްޓުވަން އިންޑިއާއިން ހާއްސަ އޯޑަރެއް އައީ ހެއްޔެވެ.

ކޮންމެވެސް ކަމެއް ވެއްޖެ އެވެ. ޔަގީން ނުވަނީ އެ ވީ ގޮތެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނަނީ "އިންޑިއާ އައުޓް" ކެންޕެއިން ހުއްޓުމެއް ނެތް ކަމަށެވެ. އޮތީ ފުޅާކުރުމާއި އިތުރަށް ބޮޑު ކުރުމެއް ކަމަށެވެ. އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ. ފުލުސް ފޯސްތައް ނެރެ އެ ހަރަކާތް ހުއްޓުވާފާނެ ބާވައެވެ. އެހެން ވެއްޖެނަމަ ބޮޑު ހަމަނުޖެހުމަަކަށް މަގުފަހިވެދާނެ ހެއްޔެވެ.

"މިކަމެއް ނުހިފެހެއްޓޭނެ. މިއީ ދިވެހީންގެ ވިންދު. މިއީ ދިވެހީންގެ ހާލުގެ ދުލުން ގޮވާ ވާހަކަ. އެހެންވީމަ ދިވެހިރާއްޖެއިން އިންޑިއާ އަސްކަރިއްޔާ ޖެހެނީ ފައިބާން. އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ނަފްރަތު ކުރަން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިކަމެއް. އެހެންވީމަ އަޅުގަނޑުމެން ހުރިހާ ރައްޔިތުން އަޑަށް ބާރުލާފައި އެއްވެސް ކަހަލަ އޮޅުމެއް ނެތް ގޮތުގައި މި ބުނަނީ އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާށޭ. އިންޑިއާ ސިފައިންނަށް މިތާކު ނުތިބެވޭނޭ،" ސަރުކާރަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވިއެވެ.