ދިވެހި އިންޑިއާގެ ގުޅުން

"އިންޑިއާ އައުޓް" ދެން ވާނީ ކިހިނެތް؟

މިނިވަންކަން ގެއްލޭ މަންޒަރު ފެންނަމުންދާ ކަމަށް ބުނެ ވަރުގަދަ ގައުމީ ކެންޕެއިނެއް ކުރިއަށް ގެންދަން ނިންމާ އެކަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހު ހަފުތާގައެވެ. "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ނަމުގައި ހިންގަން ނިންމި ކެންޕެއިންގެ ދައުވަތު އެމްޑީޕީ ފިޔަވައި އެހެން ބޮޑެތި ހުރިހާ ޕާޓީތަކަށް ދިނެވެ. ނަމަވެސް އެއީ ސިޔާސީ މަސައްކަތެއް ކަމަށް ގަބޫލުކޮށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމުން ވެސް އައިކޮޅަށް ދައުވަތު ފޮނުވާލި އެވެ. އޭގެ ފަހަށް "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ނަމުގައި ހިންގަން ފެށި ކެންޕެއިން "އިންޑިއާ އައުޓް" ގެ ނަމަށް ބަދަލުވެ، ފުޅާވެ ބޮޑުވެގެން ދިޔައެވެ.

ކެންޕެއިންގެ މައިގަނޑު އަމާޒެއް ކަމަށް ޕީޕީއެމް އާއި ޕީއެންސީން ބުނަމުން އައީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ ތިބުން ނިމުމަކަށް ގެނައުމެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލަށް ބޮޑު ނުރައްކަލެއް އޮތުމެވެ. އެއާއެކު މާލެ އާއި އަތޮޅުތެރޭގައި އެ ކެންޕެއިން ފެށުނެވެ.

"އިންޑިއާ އައުޓް" ކެންޕެއިން ފެށުމާއެކު ސަރުކާރުން އިނގިރޭސި ބަހުން ބަޔާނެއް ނެރުނެވެ. ސަރުކާރުންގެ ނަޒަރުގައި އެއީ މަދު ބަޔަކު ހިންގާ ސިޔާސީ ހަރަކާތެވެ. އަދި އެއީ ރާއްޖެ-އިންޑިއާ ގުޅުން ހީނަރުކުރަން ކުރާ މަަސައްކަތެއް ކަމަށް ބުންޏެވެ. "ބޮޓުން" ތަކެއް ހިންގާ ކެންޕެއިނެއްގެ ގޮތުގައި ވެސް ސިފަ ކުރިއެވެ. ދައުލަތުގެ އިސްވެރިން ގެންދެވީ އެ ހަރަކާތުގެ މައުލޫމާތު ސަރުކާރުން ބޭނުންވާ ގޮތަށް ބައިނަލްއަގްވާމީ ދުނިޔޭގައި ފަތުރަމުންނެވެ. ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ މައުލޫމާތު ހިއްސާ ކުރައްވައެވެ.

"އިންޑިއާ އައުޓް" ހަރަކާތް އާދައިގެ ގޮތެއްގައި ކުރިއަށް ދަނިކޮށް މިދިއަ އަހަރުގެ ނޮވެންބަރުގެ ފަހު ދުވަހު އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ހުކުމުން މިނިވަންވެވަޑައިގަތެވެ. މިނިވަންވެވަޑައިގެންތާ 72 ގަޑިއިރުގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ވަރަށް ބޮޑު ރެލީއެއް ކުރިއަށް ގެންދެވި އެވެ. އެ ރެލީގައި ރައީސް ޔާމީން ވަނީ ދޮޅުގަޑިއިރުގެ ތަގުރީރެއް ދެއްވާފަ އެވެ. އެ ތަގުރީރު ވެގެން ދިޔައީ އިދިކޮޅުގެ "އިންޑިއާ އައުޓް" ކެންޕެއިންގެ ފޮރުވިފައިވާ ވަރަށް ގިނަ ކަންކަން ތަފްސީލުކޮށް ހާމަކޮށްދެއްވި ތަގުރީރަކަށެވެ. "އިންޑިއާ އައުޓް" ކެންޕެއިނަކީ އެމަނިކުފާނުގެ ސީދާ އިރުޝާދަށް ފެށުނު ހަރަކާތެއް ކަމަށާ އެންމެ އިސްކަން ދެއްވަނީވެސް އެ ކެންޕެއިން ވަރުގަދަކޮށް ފުޅާކުރައްވާން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ވަރުގަދަ ކެންޕެއިނަށް ހައްދަވަން ބޭނުންފުޅުވާ ކަަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކެންޕެއިންގައި އަމަލީ ގޮތުން އެންމެ އިސްކޮށް ދެން ހުންނަވާނީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހަށް ވަރަށް ހަރުއަޑުފުޅުން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގަ ނެތް ކަމަށެވެ. އިންޑިއާ ސިފައިންގެ އެންމެ މީހެއްގެ ހަމަ އެންމެ ބޫޓް ކިބައެއްވެސް ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ތަމްސީލު ކުރާ ލީޑަރުގެ ހައިސިއްޔަތުން ގޮވާލާ ގޮވާލުމެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފަހުން ރާއްޖޭގެ ހަތް ރަށެއްގައި ވަރުގަދަ އިހުތިޖާޖެއް ހިންގެވިއެވެ. މާލޭގައި ބާއްވަން މަސައްކަތް ކުރި ހަރަކާތް ސަރުކާރުން ހުއްޓުވީއެވެ. ނަމަވެސް އެ ހަރަކާތް މަޑުޖައްސާ ނުލާ އެކި ގޮތްގޮތަށް ކުރިއަށް ގެންދެވިއެވެ.

އެންމެ ފަހުން ވެރިރަށުގެ މަލަމައްޗަށް މިހާރު ބަދަލުވެފައި އޮތް މާލޭގެ އިރުމަތީ ކޮޅުގައިވާ ރައީސް ޔާމީންގެ އުސްކޮށް ހައްދަވާފައިވާ ގެކޮޅާއި ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑު ދެ ބެނާ ދެމިއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައިވެސް އެފަދަ ބެނާތައް ދެމުމުގެ މަސައްކަތް ފެށިއެވެ. ދެ އިމާރާތުގައި ދެމި ބެނާ ހުޅުލެ އާއި މާލެ ގުޅުވާލި ބްރިޖުން އަންނަ އިރު ސާފުކޮށް ފެނެއެވެ. އެހެން ކަމުން ރާއްޖެއިން ފުރަތަމަ ކިޔާ މަރުހަބާގެ މަންޒަރުތަކުގެ ތެރޭގައި އެ މަންޒަރުތައް ހިމެނިގެން ދިޔައެވެ.

"އިންޑިއާ އައުޓް" ބެނާ ދެމި މައްސަލާގައި ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދެއްކިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެ ކަމަށް ޖާގަ ދެއްވައިގެން ތިއްބަވައިގެން ނުވާނެ ކަމަށެވެ. ދަމާފައިވާ ބެނާތައް ނަގަންވެސް ފުލުހުންނަށް އިރުޝާދު ދެއްވިއެވެ.

ބުދަ ދުވަހުގެ ފުލުހުން ވަނީ ބެނޭ ހަރުކޮށްފައިވާ ގޭގޭގެ ވެރީންނަށް އެ ބެނާތައް ނަގަން އަންގާފައެވެ. އެއީ ރާއްޖެ-އިންޑިއާ ގުޅުން ހީނަރުކުރާ ކަމެއް ކަމަށް އެންގިއެވެ. ގޭގޭގެ ވެރީން އެކަން ނުކުރެއްވުމުން ބުރާސްފަތި ވިލޭރޭގެ ފަތިހު ކޯޓް އަމުރެއް ހޯދާ ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. ކްރިމިނަލް ކޯޓްގެ ފަނޑިޔާރު މިސްބާހު އެ އަމުރު ނެރެދެއްވީ ފަތިސް ނަމާދަށް ބަންގި ގޮވަމުން ދަނިކޮށެވެ.

އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފެށިއިރު ބުދަ ދުވަހުގެ ރޭ ގައުމީ ސަލާމަތާބެހޭ މަޖިލީހުން އޮތީ ވަރުގަދަ ނިންމުމެއް ނިންމާފައެވެ. އެއީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ. އެކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ގަރާރެއްވެސް ނެރުއްވާފައެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ވެއެވެ.

މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވެއެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ވެ އެވެ.

އެއާއެކު ފުލުހުން ވަނީ ހުރަފަ އާއި ދޫވެއްސަށް ވަދެ އެ ބެނާތައް ނަގައިގެން ގޮސްފައެވެ. މި މައްސަލަ ކޯޓަށް ހުށައަޅަން އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ. ކޯލިޝަނުން ބުނާ ގޮތުން ރައީސް ގަރާރަކީ ބާތިލް ގަރާރެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭރުން ކުރައްވާފައިވާ ކަމެކެވެ. އަނެއް ކޮޅުން މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގަށް ސާފުކޮށް އަރައިގަތުމެކެވެ.

ނަމަވެސް ސަރުކާރުން މިކަން ދޮގު ކުރެއެވެ. އަވަސްއާ މައުލޫމާތު ހިއްސާ ކުރެއްވި ސަރުކާރުގެ ވެރިއަކު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ހަރަކާތް އޮތީ ވަރަށް ނުރައްކާތެރި ހާލަތަށް ގެންގޮސްފައެވެ. އެ ހަރަކާތް މިހާރު ގޮސް އޮތް ހިސާބާއި ގެންދަން ރާއްވާފައި އޮތް ހިސާބުގެ ނުރައްކާ އަދި މާ ބޮޑެވެ. އެކަމުގެ އިންޓެލިޖެންސް ސައްހަ މަައުލޫމާތު ސަރުކާރުގައި އެބަ ހުއްޓެވެ.

އެ ހަރަކާތް އިތުރަށް ފުޅާކޮށް ރާއްޖޭގައި އިންޑިއާގެ ރައްޔިތުންނަށް ދުއްތުރާކޮށް ނުރައްކާ ކުރަން ރާއްވާފައި ކަމަށް ސަރުކާރުން ބުނެއެވެ. އެކަމުން އިންޑިއާގައި ތިބި ދިވެހީންނާއި ޖުމްލަކޮށް މުޅި ރާއްޖެއަށް އޮތް ގެއްލުން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާ އެކެވެ. ގަރާރެއް ނެރުއްވާ އެ މަސައްކަތް ފެއްޓެވީ އެ ސަބަބާއި ގުޅިގެންނެވެ.

އިދިކޮޅުން ދެކޭ ގޮތުގައި ބެނާއެއް ނަގަން މުޅި ދައުލަތް ތެދުވާން ޖެހުމަކީ ރާއްޖޭގައި އިންޑިއާގެ ނުރައްކާ އޮތް މިންވަރުގެ ސާފު ހެއްކެކެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ބެނާތައް ނެގުވީ އިންޑިއާގެ މަޖުބޫރުން ކަމަށްވެސް އިދިކޮޅުގެ ވެރީން ދެކެއެވެ. އެ މަސައްކަތަށް ކޮށް ނިންމަން އިންޑިއާއިންރާއްޖެއަށް ދިނީ 72 ގަޑިއިރުގެ ވަގުތުކޮޅެއް ކަމަށްވެސް ތުހުމަތު ކުރެއެވެ.

ގަރާރު ނެރުއްވި ހަބަރު ލިބިވަޑައިގަތުމުން އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ވިދާޅުވެވުނީ މިހެނެވެ. "ހާދަ ވަރަކަށް ދަށުވެފައޭ ދޯ،"

ކޮންމެ އަކަށް "އިންޑިއާ އައުޓު" ކެންޕޭންގެ މައްސަލަ މިވަނީ އެހެން ލެވެލްއަކަށް އުފުލިފައެވެ. މި މައްސަލާގައި ޝަރިއްޔަތުން ނިންމާ ގޮތެއް ވަރަށް ޝައުގުވެރިވާނެ އެވެ. އަދި ސަރުކާރުން އަމަލު ކުރާ ގޮތަކާއި އިދިކޮޅުން ދެން އަމަލު ކުރާ ގޮތަކުން މައްސަލަ އިތުރަށް ފުޅާވެ ބޮޑުވާނެ އެވެ. ހީވެސް ނުކުރާ ވަރުގެ ބޮޑު ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެ އެވެ.

އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓާނެ ކަމަށް ބުނެފައެވެ. އެ ހަރަކާތް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. ގަރާރު ނެރެ އިންޒާރު ދީފައި ވަނިކޮށް ރޭ ވަނީ އައު ބެނާއެއް ދަމާފައެވެ. މި ފަހަރު ބެނާ ދަމާފައިވަނީ ކުރީން "އިންޑިއާ އައުޓް" ލިޔާ ގޮތް -- ސްޕެލް ކުރާ ގޮތް -- ތަފާތު ކޮށެވެ. އެއީވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ހަނިކުރުމަށް ކުރި ކަމެއް ކަމަށް ބެލެވެއެވެ.

އަނެއް ކޮޅުން ސަރުކާރު އެ ވަނީ އެންމެ ފަހުގެ ހަތިޔާރު އުފުލާފައެވެ. ރައީސްގެ ގަރާރާއެކު "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރަސްމީ ގޮތުން ކަނޑައެޅުނީ އެވެ. އެ ގަރާރުގައި ވަނީ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ. އެހެންވީމަ ދެން މި ހަރަކާތަށް އެއްވެސް ފުރުސަތެއް ދޭނެ ކަމަކަށް ނުބެލެވެއެވެ.