ޕީޕީއެމް

"ބެނާތައް ނުނެގޭނެ، އިތުރު ބެނާ ދަމާނެ"

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅު ހަމަޖިވަޑައި ނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފެއްޓެވި ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތް ދާނީ ކުރިއަށް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑުކޮށް ފުޅާ ކޮށްފައި އޮތް "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މާލޭގެ ބޮޑެތި އިމާރާތްތަކުގައި އެ ކެމްޕެއިން ބެނާތައް ދަމަން ވަނީ ފަށާފައެވެ. އެ ގޮތުން ޕީޕީއެމްގެ ރަސްމީ އޮފީސް ހިންގާ ހ. ހުރަފާ އިމާރާތުގައި އާއި އިދިކޮޅު ލީޑަރު އަދި މި ކެމްޕެއިން ލީޑު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ގައި ވަނީ މީގެ ބޮޑެތި ބެނާއެއް ދަމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާގައި ހިމެނުން ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި ދަމަމުންދާ ބެނާތައް ދެމުން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި އެ ބެނާތައް ފުލުހުން ވަގުތުން ނަގަންޖެހޭނެ ކަމަށް ވެސް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދު ބަސް ބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް. އާންމު މަސްލަހަތާ ހިލާފު ކަމެއް. އެ ތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ވަގުތުން ވަގުތަށް ނަގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އިދިކޮޅު ކޯލިޝަންގެ ވެރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "އިންޑިއާ އައުޓް" ބެނާ ދެމުން ނުހުއްޓުވޭނެ ކަމަށާ އެ ބެނާތައް ދަމާ ގޭގެ ދާނީ އިތުރުވަމުން ކަމަށެވެ.

މާލޭގެ އިތުުރުން މުޅި ރާއްޖޭގައިވެސް އެ ހަރަކާތް ހިނގާނެ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބެނާތައް ހަރުކުރާ ގޭގޭގެ ވެރީންނަށް ބިރު ދައްކަމުންދާ ކަމަށާ ބެނާތައް ނަގަން އިންޒާރު ކުރަމުންދާ ކަމަށެވެ. އެކަން ސަރުކާރުން ކުރަމުން ދަނީ އިންޑިއާ ސަފީރުގެ އެންގުމުގެ މަތީން ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

"އިންޑިއާ އައުޓް ހަރަކާތް ކުރިއަށްދާނީ އެކަމާ މޭބޮޑުވެގެން ހަދާނެ ގޮތެއް ނޭންގިގެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަޅުގަނޑު ދަންނަވާނީ މި ބެނާތައް ދަމާ ގޭގެ ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުުރުވަމުންނޭ. ހަމައެކަނި މާލެއަކު ނޫން މިކަން ހިނގާނީ. ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެކަން ކުރާނެ. އިންޑިއާ އައުޓް ހަރަކާތް ދާނީ އެކި ސިފަ ސިފާގައި ކުރިއަށް. ހަމައެކަނި ބެނާއެއް ނޫން އެ ނޫން މިއަށްވުރެ މާ ބޮޑެތި ކަންތައްތައް އަދި ހިނގާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނަގަން ރައީސް ނަޝީދު، ފުލުހުންނަށް އެންގެވުމުން އެކަމަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ފުރަތަމަ ކަމަކަށް އެއީ ރައީސް ނަޝީދަށް އޮތް ބާރެއްވެސް ނޫން ކަމަށެވެ. އަދި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް އޮތީ ދާދި މަދު ދުވަސްކޮޅެއް 2023 ގައި ޕީޕީއެމް ވެރިކަމާއި ހަވާލުވާނީ މި ސަރުކާރުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމަށް ކަމަށެވެ. އެ މަސައްކަތް ކުރާއިރު ގާނޫނާއި ހިލާފުވެފައިވާ ހުރިހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ކަމުން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސް ޔާމީނަށް ތައުރީފު ކުރައްވާ ނޫސްވެރިންގެ ބައްދަލްވުމުގައި އަބްދުއްރަހީމް ވިދާޅުވީ އަމިއްލަގެކޮޅުގައި "އިންޑިއާ އައުޓް" ބެނާ ހަރުކޮށް ރައީސް ޔާމީން ނަމޫނާ ދައްކަވާފައިވާ ކަމަށެވެ. އަދި އެކަމުން ހާމަވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ވަތަނީ ވިސްނުމާއި ގައުމަށް އޮތް ލޯބި ކަމަށް ވިދާޅުވިއެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތަކީ ވަރަށް އިހުލާސްތެރި ކަމާއެކު ފަށާފައިވާ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެ އެ ބެނާ ނަގާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ގޭގައި އިންޑިއާ އައުޓް ބެނާ ދަންމަވާފައި އެ ވިދާޅުވަނީ އެހެން ގޭގޭގައި ދަންމަވާށޭ. ރައީސް ޔާމީން އިންޑިއާ އައުޓް ޖައްސަވައިގެން ޓީޝާޓް ތުރުކުރައްވާފައި އެހެން ބޭފުޅުންނަށް އެ ޓީޝާޓް ތުރުކުރައްވަން ދަންނަވަނީ. މިހާރު މި އޮތް ޚާއިނުންގެ ސަރުކާރުން ކަންތައްތައް ކުރާ ގޮތަކަށް ނޫން ރައީސް ޔާމީން ކަންތައްތައް ކުރައްވަނީއެއް. މިކަމުން މި ހާވަނީ ރައީސް ޔާމީންގެ ނިޔަތުގެ ތެދުވެރިކަން
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

މިނިވަންވެވަޑައިގަތް ފަހުން އަދި އެމަނިކުފާނު އިސްވެ ހުންނަވާ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި އިންޓަވިއު ރޮއިޓާސްއަށް ދެއްވާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އޮތުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އިންޑިއާ އާއި ޗައިނާ އަދި އެމެރިކާ ވިޔަސް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ އެ ތިބި ކަމަށާ އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ދިވެހީންގެ ގިނަ ބަޔަކު ރުހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދިވެހީންގެ ކުރިއެރުމާއި ތަރައްގީއަށްވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިންނަށް ރާއްޖެއިން ފުރުސަތު ދީފިނަމަ އެ ފަދަ ފުރުސަތަކަށް ބާރުގަދަ އެހެން ގައުމުތަކުން ވެސް އެދޭނެ ކަމަށާ އެ ފުރުސަތު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އާއި ޅ ނައިފަރުގަ އެވެ.