ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުޅުދުއްފުށީ ސްޓިއަރިން ކޮމިޓީގެ ނައިބް ރައީސް މުޖުތަބާ އަހްމަދު ހައްޔަރުކުރީ ގަވައިދާ ހިލާފަށް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް ބުނެފި އެވެ.
ފުލުހުން މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު މުޖުތަބާ ހައްޔަރުކުރީ އޭނާގެ ގޭގައި އިންޑިއާ އައުޓް އަދި އިބޫ އިސްތިއުފާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބެނާއެއް ދެމުމާ ގުޅިގެންނެވެ. އެކަމަކު ފުލުހުން މިހާރު ވަނީ މުޖުތަބާ ދޫކޮށްލާފަ އެވެ.
ބެނާ ދެމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުޅުދުއްފުށި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ސަރަހައްދަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ކުޅުދުއްފުށިން ސިޔާސީ އެކްޓިވިސްޓެއް ހައްޔަރުކޮށް، ބެނާތަކެއް އަތުލި މައްސަލަ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
"ކޯޓު އަމުރަކާ ނުލައި ފުލުހުން އާއްމު ފަރާތެއްގެ ގެދޮރަށް ވަދެ، މީހަކު ހައްޔަރުކޮށް، މުދާ އަތުލުމަކީ، ގާނޫނާއި ހިލާފު އަމަލެއް" ޓްރާންޕޭރަންސީން ބުނެފައިވެ އެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ހައްގާއި ޑިމޮކްރަސީ ދިފާއު ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާ ކަމެއް ކަމަށާއި ކުށްވެރި ނުވެ އަދި ހައްޔަރުކޮށްފާނެ ކަމުގެ ބިރެއް ނެތި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންނަށް ފާޑު ކިޔެންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ޑިމޮކްރެޓިކް މުޖުތަމައެއްގެ އަސާސީ ސިފައެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ޓްރާންސްޕޭރަންސީން ވަނީ ސަރުކާރުން އެ މައްސަލައިގައި ޖަވާބުދާރީވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ޕްރޮމޯޓު ކުރުމަށް ގޮވާލާފަ އެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އާއްމުންނަށް އެއްވެސް ހިފެހެއްޓުމެއް ނެތި ބައިވެރިވެވޭކަން ޔަގީންކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ.