ޕީޕީއެމް

އިންޑިއާ އައުޓް ކެމްޕޭނަށް ބިލެއް ހަދާތީ ކުށްވެރިކޮށްފި

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން އެމްޑީޕީން ބިލެއް ޑްރާފްޓް ކުރުމުން އެކަމާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިކަމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ބިލެއް އެކުލަވާލަން އުޅޭތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ބިލަކީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ.

އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ފުލުހުން ލައްވާވެސް މަސައްކަތްކޮށްފައިވާ ކަމަށާއި މިހާރު ގާނޫނޫގެ ތެރެއިން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް ބަޔާނުގައި ކޮށްފައިވެއެ ވެ.

"ރައީސް ސޯލިހަށް ގޮވާލަން އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލުމަށް. ރައީސް ޖަވާބުދާރީވާން ޖެހޭނީ ދިވެހި ރައްޔިތުންނަށް. ބޭރުގެ އެއްވެސް ގައުމަކަށް ޖަވާބުދާރީވާކަށް ނުޖެހޭނެ." ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ސަރުކާރުގެ އަމަލުތައް ގާތުން ބެލުމަށް ވެސް ގޮވާލާފަ އެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުމަށް ގާނޫނެއް ހަދަން ސަރުކާރަށް ޖެހުމުން ދޭހަވަނީ ރައީސް ޔާމީން ފެއްޓެވި ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލް ވެއްޖެ ކަމަށެވެ.

"ދެން ކުޅެން ޖެހޭނީ ޑިފެންސަށް. ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް މަސައްކަތް ނުހުއްޓުވޭނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ގައްދާރުންގެ" ސަރުކާރު ދެން ހަދާނީ ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް ކަނޑައަޅާ ގާނޫނެއް ކަމަށެވެ. ގައުމާއި ރައްޔިތުންނަށް ކުޑަވެސް ލޯތްބެއް ހުރި ދިވެހި ދަރިޔަކު ނަމަ މި ކޯލިޝަން ސަރުކާރާ ދެކޮޅަށް ތެދުވަންޖެހޭ ވަގުތު މި އޮތީ ޖެހިފައި ކަމަށް ވެސް ވިދާޅުވި އެވެ.