ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ދައްޗާއި އުނދަގޫ ކުރިމަތިވާނެ: ސޯލިހް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ނަތީޖާ ނިކުންނަ ގޮތުން ހީނުކުރާ ވަރުގެ ދައްޗާއި އުނދަގޫ ކުރިމަތިވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ޅ. ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަދި އޭގެ ކުރިން ޑީއާރްޕީގެ ސިޔާސަތަކީވެސް ބިރު ދެއްކުމާއި އޮޅުވާލުން ކަމަށެވެ.

"ޕީޕީއެމް ކިޔަސް، ޕީއެންސީ ކިޔަސް، އޭގެ ކުރިން ޑީއާރްޕީ ކިޔަސް، އެމީހުންގެ ސިޔާސަތުތައް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. ބިރު ދެއްކުމާއި އޮޅުވާލުމާއި މުށުތެރޭ ބައިތިއްބައިގެން ކަންތައްތައް ކުރުން ސިޔާސަތަކަށްވެފައި މި އޮންނަނީ،" ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީން ކުރަން ނިކުމެ ތިބީ ވަރަށް މުހިންމު ބޮޑު މަސައްކަތެއް ކަމަށާއި އެއީ އެމްޑީޕީ ފެށިގެން އައިއިރުވެސް ކުރަން ޖެހުނު މަސައްކަތް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"މި ރާއްޖެ ހަމަމަގުން ނެއްޓިގެންދާތީ ހަމަ މަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށްވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން ރާއްޖެ މިދާ މިސްރާބުން ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އިހުސާސް ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"އެހެން އެއްވެސް ސަބަބެއް ނެތް އަޅުގަނޑު މި ކެމްޕޭނުގައި ނިކުމެ މިހާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ،" ސޯލިހު ވިދާޅުވި އެވެ.