ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ޕީއެންސީ އާއި އެމްޑީޕީގެ ޕްރައިމަރީ ފަސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ދެ ޕާޓީންވެސް ފަސްކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު އެވެ. ނަމަވެސް އެމްޑީޕީން މިއަދު ވަނީ އެ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހަށް ފަސްކޮށްފަ އެެވެ.

ޕީއެންސީ އިން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހުވެސް ޕްރައިމަރީ ބޭއްވުމަށް ނިންމި އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު 15 ދުވަހު ޕީއެންސީ އިން ވަނީ އެ ޕާޓީގެ ޕްރައިމަރީ ކުރިންވެސް އޮތް ގޮތަށް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފަ އެވެ.

ޕީއެންސީ އިން މިއަދު އަނެއްކާވެސް އެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަންގާފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ތިބި ވަޓްސްއަޕް ގުރޫޕްގައި މިއަދު ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ "ޕްރައިމަރީ ބާއްވާ ތާރީހް 27 ޖެނުއަރީ އަށް ބަދަލުވެދާނެ ވާހަކަވެސް ދެންނެވިން" ކަމަށެވެ.

މިމެސެޖުގައި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓާއި އަދި ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރެވޭނެ ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ އަނެއްކާވެސް ފަސްކުރަން ނިންމާފައިވީ ނަމަވެސް އެ ޕާޓީން އަދި ރަސްމީކޮށް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ.