މުހައްމަދު ސައީދު

ސައީދުގެ ސުވާލު: އިންޑިއާގެ ލޯނުތައް ބަދަލު ވަނީ ރަނަށްތޯ؟

އިންޑިއާގެ އެހީއާއެކު އަދި އެ ގައުމުން ދޫކޮށްފައިވާ ލޯނުތަކުން ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

އިންޑިއާ އާއި ރާއްޖެ ދެމެދު ހީނަރުވެފައި އޮތް ގުޅުން މި ސަރުކާރާއެކު ބަދަހިވެފައި ވެއެވެ. އަދި ރާއްޖޭގެ އެކިއެކި މަޝްރޫއުތަކާއި ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަނުމުގެ އިތުރުން ރާއްޖެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ވަނީ ފަށައިފަ އެވެ. މިގޮތުން ރާއްޖެއަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޫކުރިއިރު އިންޓްރަސްޓް ރޭޓަކީ 1.5 ޕަސެންޓް އެވެ.

އެމްޑީޕީގެ ފުރަަތަމަ ސަަރުކާރުގައި ރައީސް ކަން ކުރެއްވި ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންްދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގެން އެ މަނިކުފާނުގެ އާންމު އާދައިގެ މަތީން މި ފަހަރުވެސް ވަނީ އިންޑިއާއަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ތައުރީފުގެ އެ ވާހަތަކުގެ ތެރެއިން ވިދާޅުވީ އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިނގަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެކަންކަން ދަރަނީގެ ދަންތުރައަކަށް ނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް އިންޑިއާ ވަރަށް ކަމުދާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ސައީދު މިއަދު ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. މި ގޮތުން އިންޑިއާގެ ލޯނުތައް ދަރަންޏަށް ނުވަނީ އެމްޑީޕީގެ "އެޖެންޑާ 19" ގެ ސިޔާސަތުގައި ދަރަނި ވެސް ރަނަށްވާތީތޯ ސައީދު ސުވާލު ކުރައްވަ އެވެ.

އެއްލާ ގާކޮޅެއް ފޯރާހާ ދުރުނިމުގައި އޮތް ދެ ފަޅު ގުޅުވަން ނަގާ 500 މިލިއަން ޑޮލަރުގެ ލޯނަކުން އިތުރު ވާނީ ރަނާއި ރިހިތޯ ވެސް ސައީދު ސުވާލު ކުރައްވާފައިވެ އެވެ. ވިޔަފާރި ބަނދަރަށ 200 އާއި 300 މިލިއަން ޑޮލަރު ހޭދަ ކުރަނީ އަރަނި ބަޖެޓެއް އޮވެގެންތޯވެސް ސައީދު ސުވާލު ކުރެއްވި އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ބަޖެޓް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ދަރަނި ބަޖެޓެކެވެ. އަދި ދައުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނުއިރު ވަނީ 67 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

އެ ކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ މި ވެރިކަމުގެ ދައުރު ނިމޭއިރު ދަރަނި 80 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއަށް އިޝާރާތް ކުރައްވާ ގައުމުގެ މާލީ ހާލަތު ރައީސް ނަޝީދު ބެއްލެވިތޯ ވެސް ސުވާލު ކުރެއްވި އެވެ. އިގްތިސާދަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައި ވަކި ގައުމަކުން ލޯނު ނެގުމަކީ މޮޔަ ވާހަކައެއް ނޫންތޯ ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން މަހުގައި ރިސޯޓްތަކާއި ގެސްޓް ހައުސް އަދި ފަތުރުވެރިކަމުގެ އާމްދަނީއަށް ބޮޑެތި ލޮޅުންތަކެއް އައުމުގެ ބިރުވެރިކަން އޮތް އިރު ވަކި ގައުމަކުން ލޯނެއް ނެގުމުން އެ ރަނަށް ބަދަލުވާ ކަމަށް ބުނުމުން އެއީ މޮޔަ ވާހަކައެއް ނޫންތޯ؟" އިކޮނޮމިކް މިނިސްޓަރު ކަމާއި ރިސޯޓް މެނޭޖަރުކަން ވެސް ކުރެއްވި ސަައީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ އިންޑިއާއާ ވާދަވެރި ޗައިނާއާ އެކުގައެވެ. ޗައިނާގެ އެހީތަކާއި ލޯނާއެކު މާލެ-ހުޅުލެ ބްރިޖާއި ބޮޑެތި އެހެން މަޝްރޫއުތައް ހިންގި އިރު ރައީސް ނަޝީދު އާއި އެމްޑީޕީގެ އިސް ބޭފުޅުން އެކަން ސިފަ ކުރައްވަމުން ގެންދެވީ ޗައިނާއިން އަޅުވާފައިވާ ދަރަނީގެ ދަންތުރައެއްގެ ގޮތުގަ އެވެ.

އޭރު އިންޑިއާއާއި ރާއްޖެއާ އޮތް ގުޅުން ވެސް ހީނަރުވެގެން ދިއުމުން އޭރު އިދިކޮޅުގައި އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ވެސް ވަކި ގައުމަކުން ބޮޑެތި ލޯނުތައް ނަގައި، ގާތް ގުޅުން އޮތް ބައެއް އެހެން ގައުމުތަކުގެ ގުޅުމަށް އަސަރު ކުރާ ކަމަށް ބުނެ އެވެ.