ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެކޮޅު ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ކ. ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް / ޕީއެންސީ މެމްބަރުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެ ނަޝީދު މިއަދު ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވެފައި ވަނީ، އެ ޓްވީޓުން ދޭހަވާ މާނައަކީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބި ތިބުމާ ނަޝީދު ވެސް ދެކޮޅު ކަމެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހީންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރު ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ.
މިކަމުން އެންޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ފެންނަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އިންޑިއާއިން ރާއްޖޭގައި ވަޒަންވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖާގަދެއްވަމުން އަންނަ ކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ވާހަކަފުޅުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫންތޯ ނަޝީދު އެ ވިދާޅުވީ. އިންޑިއާ އައުޓް އެކޭ ނުބުނެވޭނެއޭ އެކަމަކު އިންޑިއާ މިލިޓަރީ ރާއްޖޭގައި ނުތިބެވޭނެއޭ. އެކަން ވަރަށް ސާފު ދެއްތޯ ކުރެއްވި ޓްވީޓުން ވެސް،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި، މާލޭގައި މިއަދު ބާއްވަން ހަމަޖެހުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން އެކަމަށް ވެސް ފާޑުވިދާޅުވި އެވެ. އެކަން އެކުރީ ފުލުހުންނަށް ޕީޕީއެމްތެރޭގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބިގެން ނޫން ކަމަށާއި އެއީ ސީދާ ސަރުކާރުން އަންގައިގެން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުން ވެސް މިހާރު "ހަޖަމް ބޭސް" ކާން ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންނާއި ސަރުކާރުން ކިތަންމެ ވަރަކަށް އިދިކޮޅުގެ ހަރަކާތްތައް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.