ޕީޕީއެމް

ރަށްރަށުން 4000 އަށްވުރެ ގިނަ މީހުން މާލެއަށް އަރާނެ: ޕީޕީއެމް

Mar 22, 2022
2

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބާއްވާ "އިންޑިއާ އައުޓް" ބޮޑު ހަރަކާތުގައި މިހާރު ވެސް ރަށްރަށުން 4000 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ލިސްޓް ލިބިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ މާލޭގެ ތިން ސަރަހައްދެއްގައި ހިނގާލުން ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ. އެއީ އުސްފަސްގަނޑާއި ރަސްފަންނު އަދި ކާނިވާ ސަރަހައްދެވެ.

ޝާޑު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުން މި ހިނގާލުމަށް މީހުން އަންނާނެ އެވެ. ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް ހިނގާލުން ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ހިނގާލުމުގައި އަޅުގަނޑުމެންނަށް ވަނީ ހއ އިން ސ އާ ހަމައަށް ދައުވަތު ދެވިފަ. އަޅުގަނޑުމެންނަށް އަންނަނީ ލިސްޓްތައް ލިބެމުން. ދޯނިފަހަރުތައް އެދަނީ ތައްޔާރުވަމުން. ފްލައިޓްތައް އެދަނީ ޗާޓަރު ކުރެވެމުން. މި އެއްވުމަށް މާލެއަށް ހުރިހާ ރައްޔިތުން އަރާނެ. މި ހިނގާލުން އޮންނާނެ. މި ހިނގާލުމަކީ މުޅި މާލެ ފުރާލާނެ ހިނގާލުމެއް،" ޝާޑު ވިދާޅުވި އެވެ.

އެ ކޯލިޝަނުން ބުނި ގޮތުގައި މި ހިނގާލުމަށް އަންނާނެ ކަމަށް ލަފާކުރެވޭ ޔަގީން އަދަދެއް މާދަމާ އެނގޭނެ އެވެ. އެމީހުން އަންނަނީ އެ ކޯލިޝަނުން އެއްވެސް ހަރަދެއް ކޮށްގެން ނޫން ކަމަށާއި، އެމީހުން އަމިއްލައަށް ކަމަށް ވަނީ ބުނެފަ އެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބެވޭނެ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ބޮޑު ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، އަތޮޅުތެރޭގައި ވެސް އެ ހަރަކާތް އަންނަނީ ބާއްވަމުންނެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ.