އަބްދުއްރަހީމް އަބްދުﷲ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފުވެފައެއް ނެތް: އަދުރޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ސާފުވެފައި ނުވާ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުންގެ ވަފްދެއް މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިންތިގާލީ މަރުހަލާގައި ހޯދިފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އާ ސަރުކާރުން ބޭނުންވާ ވަރަށް ގިނަ މައުލޫމާތުތައް މިހާރު ލިބިފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަދަދު ސާފުވެފައި ނުވާ ކަމުގައި ވިދާޅުވި އެވެ.

"އެ މީހުން [އިންޑިއާ ސިފައިން] ތިބިކަން ޔަގީންވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަދި އެހެން ގައުމަކަށް ނިސްބަތްވާ ސިފައިން ތިބި ނަމަވެސް އެމީހުން ބޭލުމުގެ މަސައްކަތް ފުރަތަމަ ހަފްތާގެ ތެރޭގައި ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރަށްވެސް ދަންނަވާފަ އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލި ނަމަވެސް އިންޑިއާ އަކީ ރާއްޖޭގެ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.