އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ރިޔާސީ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެއާއި ޕީޕީއެމްގެ އޮފީހާއި އަދިވެސް އެހެން ތަންތަނުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުން މިއަދު ވަނީ ނަގާފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ކޯލިޝަނުން ދެން އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ ގަރާރު ބަތިލްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން ކަމަށެވެ. އެކަން އެ ކޯލިޝަންގެ ލީގަލް ޓީމުން މިހާރު ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ބެނާތައް ނެގީ ގާނޫނާ ހިލާފަށްކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ފުލުހުން މިއަދު އަމަލުކޮށްފައިވަނީ ގެނައި ކޯޓު އަމުރާ ވެސް ހިލާފަށް ކަމަށެވެ. އެގޮތުން އަމުރުގައި އޮތީ ބަލައި ފާސްކުރުން ކަމަށާއި ބެނާތައް ނެގުމުގެ ވާހަކަ އޭގައި ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރަށް ހަވާލާދެއްވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި އަމަންއަމާކަން ނަގާލަމުން އަންނަނީ އިދިކޮޅުން ނޫން ކަމަށާއި އެކަން ކުރަމުން އަންނަނީ އިންޑިއާ އިން ކަމަށެވެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތީ އިންޑިއާގެ ފުށުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެ ބެނާތައް ނެގުމަކުން، ރައީސް ގަރާރެއް ނެރުމަކުން އިންޑިއާ އައުޓް ހަރަކާތެއް ނުހުއްޓޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް ބެނާތައް އަދިވެސް ދަމާނަން،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މި ކެމްޕޭނު އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދިވެސް އިތުރު މިފަދަ ބެނާތައް މުޅި ރާއްޖޭގައި ދަމާނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން އެއްވެސް ކަމެއް ނުހުއްޓުވޭނެ ކަމަށެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.