އަބްދުއްރަހީމް އަބްދުﷲ

އަދުރޭގެ ހޫނު ހަމަލާތަކެއް ރައީސާއި މާރިޔާއަށް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ތެރެއިން ފާޑުކިޔާތީ އެކަމާ ނުރުހުންވެ ވަޑައިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާންގެ ހައިސިއްޔަތުން ޑިފެންސް މިނިސްޓަރު މާރިޔާ ކޮންމެ ދުވަހަކު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭނާ ގެންދަވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. ވަރަށް ޒާތީކޮށްވެސް ބައެއް ދުވަސް ދުވަހު މާރިޔާ ފާޑުވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހް ވެސް މިފަހަކަށް ކެމްޕޭން ޖަލްސާތަކުގައި ގެންދަވަނީ މުއިއްޒަށް ފާޑުވިދާޅުވަމުންނެވެ. އެކަމަކު ރައީސްގެ ވާހަކަފުޅުގައި މުއިއްޒުގެ ނަން ވިދާޅުވެފައެއް ނުހުރެ އެވެ.

ރައީސް ސޯލިހާއި މާރިޔާގެ ފާޑުވިދާޅުވުންތަކާ ގުޅިގެން ގއ. ވިލިނގިލީ ރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ ދެ ބޭފުޅުން ތަކުރާރުކޮށް ޑރ. މުއިއްޒުގެ އަބުރަށް އަރާވަޑައިގަންނަވާތީ ޕީޕީއެމް ޕީއެންސީއަށް އެކަން މާރަނގަޅަށް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެ ޕާޓީތަކުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އަބްދުއްރަހީމްގެ ވާހަކައިގައި ގިނަ ވަގުތު ހޭދަކުރެއްވީ ރައީސް ސޯލިހާއި މާރިޔާ އަށް ފާޑު ވިދާޅުވުމަށެވެ.

"އަޅުގަނޑު އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާނީ ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރާކަށް ނޭނގެއޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަށް ތަރައްގީ ކުރާކަށް ނޭނގެއޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާބިލްކަމެއް ނެތޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަކީ ހިޔާނާތްތެރިއެކޭ. ރައްޔިތުން އެބަ ބުނެއޭ އިބްރާހިމް މުހައްމަދު ސޯލިހަކީ ގައްދާރެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ގުޅުވައިގެން ރައީސް ސޯލިހާއި މިސަރުކާރުގެ އިސްވެރިން ހިޔާނާތުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. މިސަރުކާރުގެ ފަސް އަހަރުގައި މަޝްރޫއުތައް ހިނގަމުން ނުދާތީ ކެނޑިނޭޅި ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި "ވައްކަންކުރުމުގެ ތަރައްގީ" މިސަރުކާރުން ވަރަށް ރަނގަޅަށް ގައުމަށް ގެނެސްދީފި ކަމަށެވެ. ރައީސް ސޯލިހް "ސައިޒުގައި" ހުންނެވުމަށާއި "މައިތިރިވެގެން" ހުންނެވުމަށްވެސް އަބްދުއްރަހީމް ވަނީ އިންޒާރުގެ ރޫހެއްގައި ވިދާޅުވެފަ އެވެ.

"ވަޑައިގަންނަވާ ޕޯޑިއަމެއް ބަހައްޓައިގެން އަޅުގަނޑުމެންނާ އެކީ ވާހަކަދައްކާލަން. ކުދިކޮށް ކޮށާލާނަން ވާހަކައިން. ވައްކަން ކޮށްފައިހުރި ވަރު ކިޔައިދޭނަން. ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނަން. ދައުލަތުގެ ހަޒާނާ ދޮވެލިވަރު ކިޔައިދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ސޯލިހަކީ އިލްމީ ގާބިލް ކަމެއް ނެތް އަދި އިސްލާމީ ރިވެތި ސިފަތަކެއް ހުރި ވެރިއެއް ނޫން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް ޑރ. މުއިއްޒަކީ ރާއްޖޭގެ މަޝްހޫރޫ ދީނީ އިލްމުވެރިއެއްގެ ދަރިކަލެއް ކަމަށާއި މުއިއްޒަކީ މަޑުމައިތިރި އަހްލާގު ރަނގަޅު ބޭފުޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

މާރިޔާ އަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ޒާތީ ގޮތުން މުއިއްޒުއާ ދިމާކޮށްލައިގެން މާރިޔާ އުޅުއްވި ނަމަވެސް ރައީސް ޔާމީނާއި މުއިއްޒު ޖައްސަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރެއްވުމަށް އެދިވަޑައިގެން އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަންކުރާނެ ކަމަށެވެ.

މުއިއްޒުގެ ތަރުޖަމާނެއްހެން މާރިޔާ ވާހަކަ ނުދެއްކުމަށާއި މުއިއްޒުގެ ފަރާތުން ވާހަކަދައްކަވާނެ ބޭފުޅުން އެބަތިއްބެވި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.