އަބްދުއްރަހީމް އަބްދުﷲ

ބޭރުގެ މީހުނަށް އެއާޕޯޓްތައް ދޭތީ ރައީސް އަޒުލުކުރަން ގޮވާލައިފި

ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުމަކީ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލައި އިގްތިސޯދު އެކީ ހަލާ ކުކޮށްލަން ހިންގި ޖަރީމާއެއް ކަމަށް ސިފަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން އަޒުލު ކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ގޮވާލައިފި އެވެ.

ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ. މި ޕޮލިސީއާ ގުޅިގެން އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަކީ މިއަދުން މިއަދަށް ހުއްޓުވަންޖެހޭ ނުރައްކާތެރި ނިންމުމެއް ކަމަށެވެ.

ދިވެހިންގެ އެއްވެސް ބައިވެރިވުމެއް ނެތް ގޮތަށް އެއާޕޯޓްތައް ހިންގަން ހަވާލު ކުރުމަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބޭރުގެ ބަޔަކާއެކު ދުރާލާ ރާވައިގެން ހަދާފައިވާ އަޑި ނޭނގޭ، ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ކުރާ ކަމެއް ކަމަށް ވެސް އަބްދުއްރަހީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މިދަންނަވާ އެއްބަސްވުންތަކުގެ ދަށުން ދިވެހިންގެ އެއާޕޯޓްތައް ބޭރު މީހުންނަށް އެދެނީ. ރަށްތައް ވެސް ނުއަގުގައި ވިއްކަމުން އެދަނީ. އެކަން ނުކޮށް ރައީސް ސޯލިހަށް މިއަދު ވެރިކަމުގައި ހުރެވޭނެ އެއްވެސް ގޮތެއް ނެތް. އެހެން ވެގެން ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާ ފަދަ ބޮޑެތި ނިންމުންތައް އެ ނިންމަނީ،" އިދިކޮޅުގެ ވަގުތީ ލީޑަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ރައީސް ސޯލިހް ހިންގަވަމުން ގެންދަވަނީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވީ "ޣައްދާރު" ންގެ ލިސްޓުގެ އެންމެ ކުރީގައި ރައީސް ސޯލިހްގެ ނަން ލިޔާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލި މުޅި އިގްތިސޯދު ހަލާކު ވެގެންދާ ފަދަ ކަންކަން ކުރަން އިތުރަށް ފުރުސަތު ނުދީ ރައީސް ސޯލިހް މަގާމުން އަޒުލު ކުރަން ސުޕްރީމް ކޯޓަށް ގޮވާލައްވާ ކަމަށެވެ. ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުން ވަކިން ހާއްސަކޮށް ސިފައިން މި މައްސަލައިގެ ތެރެއަަށް ވަދެ ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް ރައީސް ސޯލިހް އަމަލު ކުރައްވާތީ ސުޕްރީމް ކޯޓުން އިސްވެ މައްސަލަ ބަލައި ރައީސް ސޯލިހް މަގާމުން އަޒުލު ކުރެވޭނެ. އެއީ ސުޕްރީމް ކޯޓަށް ލިބިފައި އޮތް ބާރެއް. އެކަން ލަސް ނުކޮށް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލަން... ސިފައިންނަކީ ގައުމުގެ މިނިވަންކަން ގެއްލޭ ހާލަތުގައި އެކަމުގެ ދިފާއުގައި ތެދުވަން އޮތް މުއައްސަސާ. ސިފައިންނާއި ފުލުހުން މިމަ އްސަލާގައި ތެދުވެ ފިޔަވަޅު އަޅަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ބޭރު މީހުންނަށް އެއާޕޯޓްތައް ދިނުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިއަދު ކުރެވޭނެ މާބޮޑު ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށާއި އެކަމަކު ބޭރު މީހުންނަށް އެއާޕޯޓްތައް ދިނުން ހުއްޓުވުމަށްޓަކައި އިދިކޮޅު ކޯލިޝަނަށް ކުރޭވެނެ ކަންކަމަކީ ކޮބައިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މި މައްސަލަ އާއި ދެކޮޅަށް ރައްޔިތުންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މިއަދު މި މަސައްކަތް ނުފަށައިފިނަމަ ދިވެހިންގެ އަތުން މަލިކު ގެއްލި އިންޑިއާގެ އަތް ދަށަށް ދިޔަ ގޮތަށް މުޅި ގައުމު ތާއަބަދަށް އިންޑިއާގެ އަތްދަށަށް ދިއުމުގެ ފުރުސަތު އެބައޮތް. މިއީ ދައްކަން އުނދަގޫ ވަރަށް އަސަރު ކުރާ ވާހަކައެއް. އެކަމަކު ގައުމުގެ މިނިވަންކަމަށްޓަކައި މި ވާހަކަ ދައްކަން ޖެހޭ. މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ. އިންޑިއާއަށް ތުހުމަތުތައް ކުރައްވާ އޭނާ ވިދާޅުވި އެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ މަކަރުވެރި ރޭވުމެއްގެ ތެރެއިން އިންޑިއާ އިން މަސައްކަތް ކުރަނީ ދިވެހި ގައުމު އަޅުވެތިކުރަން ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދީގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ހަގީގަތުގައި ޕޯޗުގީޒުން 17 އަހަރު ރާއްޖޭގެ މައްޗަށް އަތްގަދަކޮށްގެން އަނިޔާވެރި ވެރިކަމެއް ކުރި ގޮތަށް ވުރެ ނުރައްކާ ގޮތަކަށް ކަންކަން ވެގެން ދާން މިދަނީ. ތާއަބަދަށް މި ދިވެހި ގައުމު އިންޑިއާގެ އަވަށަކަށް ހެދުމަށް ކުރަމުންދާ މަސައްކަތެއް ހިނގަމުން މިދަނީ. މިކަމާ ދެކޮޅަށް ތެދުވާނަން. އަޑުއުފުލާނަން. މިކަމާ ދެކޮޅަށް ކުރަން ހުރި މަސައްކަތްތަކެއް ކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ވިއްކާލި ވާހަކައާއި ރާއްޖޭގެ 12 ރަށް ޗައިނާ އަށް ދިން ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލީ މިއަދު ވެރިކަމުގައި ތިބި މީހުން ކަމަށެވެ. އެކަމަކު އެމީހުންގެ ވެރިކަމަށް ދެ އަހަރާ ބައި ވެގެން ދިޔައިރު ރައީސް ޔާމީންގެ ވެރިކަމުގައި ކުރި ކަމަށް ބުނި އެއްވެސް ކަމެއްގެ ހަގީގަތް ހާމަކޮށްދެވިފައި ނުވާ ކަމަށެވެ. ނަމަވެސް އިންޑިއާ އަށް އެތައް ރަށެއް މިސަރުކާރުން ދިން ކަން އެނގެން އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އެފްޑީއައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ފްރައިޓް ސާވިސް ނުހިމެނޭ ގޮތަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުނިތަކުން ފޯރުކޮށްދެވިދާނެ އެވެ. ނަމަވެސް ކުރިންވެސް އެ ޕޮލިސީގައި އޮތް ގޮތަށް އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރަން ލާޒިމްކޮށްފައިވެ އެވެ.