ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި މިއަދު ހިނގާދިޔަ ހަމަނުޖެހުމުގައި އިދިކޮޅު ކޯލިޝަންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާ އެ ހަމަނުޖެހުންތައް ޕީޕީއެމް އާއި ޕީއެންސީގެ ބޮލުގައި އަޅުވަން ސަރުކާރުން އިސްވެ ކުރަމުންދާ މަސައްކަތް ކުށްވެރި ކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ބައެއް އާލަތްތައް ނެރެފައިވަނީ އިދިކޮޅު ޕާޓީގެ އޮފީހުން ކަމަަށް އެނގިފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ވާހަކަތަކަށް ރައްދު ދީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދުގެ ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ އެއްވެސް ދައުރެއް ނެތް ކަމަށާ ނަމަވެސް ކަންކަން ހިނގާ ދިޔަ ގޮތުން އެއީ ސަރުކާރުން ރާވައިގެން ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ސިއްރުން ނުހިންގާނެ ކަމަށާ ކޮންމެ ހަރަކާތެއް މިހާތަނަށްވެސް ބާއްވަމުން އައީ މާކުރީން އިއުލާނު ކުރުމަށް ފަހު ކަމަށެވެ.
"މިއީ ޕީޕީއެމުން ހިންގި ހަރަކާތެއް ނަމަ... ޕީޕީއެމަކީ އަބަދުވެސް ވަރަށް ދުރާލާ ރާވައިގެން ހަރަކާތްތައް ހިންގާ ޕާޓީއެއް. ޕީޕީއެމް އާއި ޕީއެންސީން ހިންގާ ސިޔާސީ ހަރަކާތްތައް ހުންނާނެ ކުރީން އިއުލާނުކޮށްފައި. މިވެނި ހަރަކާތެއް ހިންގާށޭ މި އުޅެނީ، އެއާބެހޭ މައުލޫމާތު ހުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދީފައި. އަދި އެކަމާއި ގުޅިގެން ޕޮލިހަށް ގޮސް އެ ބޭފުޅުންނާއެކު ހުންނާނެ ބައްދަލްވުންތައްވެސް ބާއްވާފައި. އެހެންވީމަ މި ދަންނަވަނީ މިކަމުގައި [މިއަދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި] އަޅުގަނޑުމެންގެ އެއްވެސް ބައިވެރިވުމެއް މިއަދު ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ފެނުނީ ސަރުކާރު ފެއިލްވެފައި އޮތް މިންވަރެވެ. އަދި މީގެ ކުރީން އިދިކޮޅުގެ އެއްވުންތަކާއި ހަރަކާތްތައް ހުއްޓުވަން ބާރުގެ ބޭނުން ކުރި އުސޫލުން ކަންކަން ނުކުރީ ކީއްވެގެންތޯ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފައެވެ
"މިއަދު އެނގިގެން ދިޔައީ ދިވެހި ސަރުކާރު ފެއިލްވެފައި އޮތް މިންވަރު. ވަރަށް ބޮޑަށް ދިވެހިސަރުކާރުގެ އިންޓެލް އެ އޮތީ ފެއިލްވެފައި. އެހެން ނޫންނަމަ ކިހިނެތްތޯ ގަލޮޅު ދަނޑަށް ބަަޔަކު ގޮސް އެހެން ވަންނާނީ. މިސާލަކަށް ޕީޕީއެމުން ހިންގަން އުޅުނު ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އެބަހުރި ދުރާލާ އެ ހަރަކާތްތަކުގައި މަރާމާރީ ހިންގާނެ ކަމަށް ފެންނާތީއޭ ކިޔާފައި ހުއްޓުވާފައި. ބައެއް ދުވަސް ދުވަހު އެބަހުރި ހަރަކާތަށް ނުކުތަ ނުދީ ޕާޓީގެ އޮފީހުގެ ދޮރުމަތި ހިސާރުކޮށްފައި. މީޑިއާގެ ބޭފުޅުންނަށް އެކަން އޮންނާނީ ފެނިފައި. އެހެންވީމަ އިންޓެލް ލިބި މިކަން ނުހުއްޓުވުނީމަ އަޅުގަނޑުމެންނަށް ދެންނެވިދާނެ މިއީ ސަރުކާރުން ގަސްތުގައިގައި ރާވައިގެން ހިންގި ކަމެކޭ ޕީޕީއެމްގެ ބޮލުގައި އަޅުވަން،"
އަބްދުއްރަހީމް ވިދާޅުވީ މިއަދު ހިނގާދިޔަ ކަންކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށާ މިހާރުވެސް އެ ތަހުގީގު ލަސްވެއްޖެ ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ހަމަނުޖެހުންތަކުގެ އަޑީގައި ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށްވުންވެސް އެކަށީގެންވާ ކަމަށެވެ.
އަދުގެ ހަމަނުޖެހުންތައް ޕީޕީއެމްއާ ގުޅުވާ ފުލުހުން ބަޔާން ނެރުމުގެ ކުރީން އިންޑިއާގެ ނޫސްތަކުގައި އެ ވާހަކަތައް ރިޕޯޓް ކޮށްފައިވާ ކަމަށާ މިކަންކަމުން ސަރުކާރު އޮތީ އިންޑިއާގެ ސަފީރުގެ ބާރުގެ ދަށުގައި ކަން ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.