ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސްއެޅި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ވެސް ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ޝިޔާމު ވަނީ ދޫކޮށްލާފަ އެވެ. މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ޝިޔާމު ހިމެނޭ ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ޝިޔާމު ރޭ ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މުޒާހަރާކޮށް އަދި ޝިޔާމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އައިސް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.
ޕީޕީއެމް އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާއިން ނުވަ އަންހެނުންނާއި އަށް ފިރިހެނުންނާ އެކު ޖުމްލަ 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މިއެންމެންވެސް ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބު އދާކރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
"މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.
ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަލާމާތީ އިދާރާތަކުގެ ވެރިން ފެއިލްވުމުން އެކަން ފޮރުވުމަށެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.