އިދިކޮޅު ފަރާތްތައް

އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން ރައީސަށް ބޮޑު ސިޓީއެއް

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ފަދަ ސިއްރު އެއްބަސްވުންތަކެއް މި ސަރުކާރުން ވެފައިވާ ކަމަށް ބުނެ އެ އެއްބަސްވުންތައް ހާމަ ކުރަން ގޮވާލައި އިދިކޮޅުން "ބޮޑު ސިޓީ" އެއް ތައްޔާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވައިފި އެވެ.

ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުގެ ބައެއް މެންބަރުން މިއަދު ވަނީ ބޮޑު އެ ސިޓީ ފްލައިވުޑް ސައިޒަށް ޕްރިންޓް ކޮށްގެން ރައީސް އޮފީހާ ހިސާބަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ހިނގާލުމުގެ ބައިވެރިން ވަކި ހިސާބަކުން ހުއްޓުވާފަ އެވެ. ނަމަވެސް ސިޓީ ގެންދަން ހުރަސް އަޅާފައެއް ނުވެއެވެ.

ބޮޑު އެ ސިޓީގައި ބުނެފައި ވަނީ ސަރުކާރު ހިންގުމުގައި އޮތް އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް އެހެން ގައުމުތަކާއި، ބޭރުގެ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ވެވަޑައިގެންނެވި އިރު ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ވެ ވަޑައިގަތް ވައުދުތަކާއި ހިލާފަށް އަމަލު ކުރައްވާ ކަމަށާއި އަޑި ނޭނގޭ އެތައް އެއްބަސްވުންތަކެއްގައި އިންޑިއާއާއެކު ސޮއި ކޮށްފައިވުމުން ގައުމުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ.

މީގެ އިތުރުން އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، އިންޑިއާ ހެލިކޮޕްޓަރުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓު ގެނައުމުގެ އެއްބަސްވުމާއި، ރާޑަރުތައް ބެހެއްޓުމަށް އެއްބަސްވުމާއި، ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުމުގެ ވާހަކަ ވެސް އެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެ ސިޓީގައި ގޮވާލާފައި ވަނީ ސިއްރު އެއްބަސްވުންތަކުގެ ތަފުސީލު ހާމަ ކުރުމަށެވެ.