އިދިކޮޅު ކޯލިޝަންގެ ސިޓީތައް ރަސްމީ ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާތީ އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް އޮފީހުގައި ހުންނަވައިގެން އަތްޕުޅުން ސިޓީއެއް ލިޔުއްވާ ރައީސްއާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުގައި ހުންނަވާ އަދުރޭ މިއަދު ސިޓީއެއް ލިޔުއްވީ އިދިކޮޅުން ރައީސް ސޯލިހްއާ ބައްދަލުކުރަން މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހަށް ވަޑައިގަތުމުން ކުއްލި ހާލަތުގައި މުއާމަލާތް ކުރަން އީމެއިލް އެޑްރެސްއެއް ދީފައިވަނިކޮށެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައީސް ސޯލިހްއާ ބައްދަލުކުރަން ރައީސް އޮފީހަށް އަންނަތާ މިހާރު ހަތަރު ދުވަސްވެފައިވާކަން ފާހަގަކޮށް އަދުރޭގެ ސިޓީގައި ވިދާޅުވީ ރައީސްއާ ބައްދަލުކުރަން ބޭނުންވަނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
"އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓަށް މަނިކުފާނު އިސްވެހުރެ އަނިޔާ ކުރަމުން ގެންދިއުން،" ހިމެނޭ ކަމަށް އަދުރޭ ރައީސް އޮފީހާއި ހަވާލުކުރެއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަދުރޭގެ ސިޓީގައި ވިދާޅުވީ ރާއްޖޭގެ މަސްކަނޑުތަކާ ރާއްޖޭގެ ބިންބިމާ މިނިވަންކަން ވިއްކާލާފައިވާތީ ރައްޔިތުންގެ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުން އަޅުވެތިކުރުމާއި މަޖިލިސް ހުއްޓުމަކަށް ގެނެސް ޖަވާބުދާރީ ނުވެ "ފިއްލަވައިގެން އުޅުއްވާތީ" ރައްޔިތުން ކަންބޮޑުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައީސް އޮފީހުގައި ތިބެ އަތުން މިއަދު ސިޓީއެއް ލިޔަން މި ޖެހުނީ ރަސްމީ ޕްރޮޓޮކޯލް ތެރެއިން މަސައްކަތް ކޮށްގެން ކުރިއެރުމެއް ލިބިފައިނުވާތީ،" އަދުރޭގެ ސިޓީގައި ވިދާޅުވި އެވެ.
އަދުރޭގެ ސިޓީގައި ވަނީ ރައީސް ސޯލިހްއާ ބައްދަލުކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.