ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
ގަރާރުގައި ބުނެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގަނެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ.
ތޯރިގުގެ ގަރާރުގައި ގޮވާލައްވާފައިވަނީ މިހާރު އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯއްދަވައި ދިނުމަށެވެ.
ރައީސް ސޯލިހް ކުރެއްވި އޮޕަރޭޝަނަކާއި ގުޅިގެން ހޭފުޅުނައްތާފައި ވާތީ ނައިބު ރައީސް ފައިސަލް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ވަނީ މި މައްސަލަ ސްޕްރީމް ކޯޓަށްވެސް ހުށަހަޅާފަ އެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ކުރަންޖެހިވަޑައިގަތުމާ ގުޅިގެން ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސަލް ނަސީމުއާ ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އެެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ.
ނައިބު ރައީސް ފައިސަލްއަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާން އެވެ. ނަމަވެސް ހުވާކުރެއްވިތާ ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސް ސޯލިހް އަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. މިހުރިހާ ކަމެއްވެސް ރައީސް އޮފީހުން ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ހުރިހާ ކަމެއް ހިނގާދިޔައީ ގާނޫނުއަސާސީގައިވާ ގޮތަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އެކަމުގައި ގާނޫނީ މައްސަލަތަކެއް މިހާރު ވަނީ އުފެދިފަ އެވެ. އަދި މިވަގުތު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުކުރަން ދެކޮޅުވެސް ހަދާފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުދެކޭ ކަމަށް ބުނުމަށްފަހު އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިވަގުތު ހުންނެވީ ފައިސަލް ނަސީމު ކަމަށް އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރިން ވިދާޅުވެފައިވެ އެވެ.