ޕީޕީއެމް

ޔާމީނާ އެކު މިވެރިކަން ބަދަލުކުރަން ހުރިހާ ލީޑަރުން ބޭނުންވޭ: އަދުރޭ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާކުރައްވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށްވެސް އެއްބަސްވެވޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިން މިއަދު ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވީ ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް އަޑުއެހުން އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ ކަންބޮޑުވުންތައް ހިއްސާކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ހާޒިރުވުމަށްފަހު އެވެ.

އަބްދުއްރަހީމް އިސްވެ ހުންނަވައިގެން މިއަދު ވަޑައިގެންނެވީ ޖޭއެސްސީ، ޑީޖޭއޭ، ހައިކޯޓު އަދި ރައީސް އޮފީހަށެވެ. މިއިދާރާތަކުން ކަމާ ގުޅޭ އިސްވެރިން ބައްދަލުނުކުރެއްވި ކަމަށްވެސް އިދިކޮޅުން ބުންޏެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާތީ ކަންބޮޑުވުންތަކާ އެކު އިންސާފު ހޯދުމަށް ކަމާ ގުޅޭ އިދާރާތަކަށް ހާޒިރުވުމުން އެތަންތަނުގެ ވެރިން ބައްދަލުކުރަންވެސް ބޭނުން ނުވި ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި، ޖޭއެސްސީ އަދި ޑީޖޭއޭގެ އިސްވެރިޔަކާ ބައްދަލުނުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ނަމަވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ބައްދަލުކުރެއްވި. ވިދާޅުވި ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ނުކުރެވެނީ ފަނޑިޔާރުން ޗުއްޓީގައި ތިބުމުން، އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާ މެދު އަމަލުކުރަނީ ވަރަށް ނާއިންސާފުވެރިކޮށް ކަމަށާއި އެއީ އަނިޔާ ދިނުން ކަމަށެވެ. އެހެންކަމުން ގައުމުގެ ހުރިހާ ސިޔާސީ ބޭފުޅުން ވެސް ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް މިވަގުތު ބޭނުންވާ ކަމަވެސް ވިދާޅުވި އެވެ. އެކަން ޔަގީންކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މިސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދާދިއިހަށް ދުވަހާ ޖެހެންދެން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް މިހާރު ވިދާޅުވެއްޖެ ކަމަށެވެ.

"ރައީސް ނަސީދު ގަބޫލުފުޅެއް ނުކުރައްވާ ރައީސް ޔާމިން ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހް ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކާ އެކު ޕީޕީއެމް އާއި ޕީއެންސީން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް ޔާމީން ފިޔަވާ އެހެން ބޭފުޅަކު އިދިކޮޅުން ރިޔާސީ ކެންޑިޑޭޓަކަށް ހަދައިގެން ކޯލިޝަނެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަޝްވަރާ ނުކުރާ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނު މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ވަގުތު ޖެހޭއިރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްްވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު "ބޮއިކޮޓް" ކުރުމަށް އިދިކޮޅުން ވިސްނާފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. މިނޫން އެހެން ކެންޑިޑޭޓެއް ނެރުމުގެ އެއްވެސް ހިޔާލުފުޅެއް ނެތް. ރިޔާސީ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް އެންމެ ފުރަތަމަ ހަވާލުކުރީވެސް އަޅުގަނޑުމެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.