ޑރ. މުހައްމަދު މުއިއްޒު

ވެރިކަން ލިބިއްޖެނަމަ ހުރިހާ ރައްޔިތުން ގެދޮރުވެރިކުރުވާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ހުރިހާ ދިވެހިން ގެދޮރުވެރިކުރުވާނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭންގައި ފުރަތަމަ ފަހަރަށް ޑޯ ޓް ޑޯ ހަރަކާތް ފެއްޓެވުމުގެ ކުރިން ހުޅުމާލޭގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާހިވަހިކަމެއް ނެތް މީހަކު ނުހުންނާނެ ކަމަށެވެ. އެކަމަކު އެކަން ކުރާނެ ގޮތުގެ އެއްްވެސް ތަފްސީލެއް ނުދެއްވަ އެވެ.

މުއިއްޒުގެ ފުރަތަމަ ޑޯ ޓް ޑޯ

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދި މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކުރިމަތީގައި ހުންނަވައިގެން މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން ހަމަޖައްސައިދިނުމުގައި ފެނިގެންދަނީ މިސަރުކާރުން އިހްމާލުވެފައި އޮތް މިންވަރު ކަމަށެވެ.

"އަޅުގަނޑަށް ވެރިކަން ލިބިއްޖެނަމަ އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަންވެސް ކުރައްވަމުން ގެންދަވާ ޑރ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެކަމަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުރިހާ ދިވެހިން ގެދޮރުވެރިކުރުވާނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް އެންމެ ފުރަތަމަ އެކުލަވާލާ އާންމުކުރީ މުއިއްޒުގެ މިނިސްޓަރު ކަމުގައެވެ. ނަމަވެސް ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ބަދަލުވެގެން ދިޔައީ އެވެ. އެހެންވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި މައްސަލަތަކެއް އުޅޭ ކަމަށް ބެލެވޭތީ އެކަމަށް ހާއްސަ ކޮމިޓީއެއް ނެގުމަށްފަހު ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓް ވަނީ އަލުން އެކުލަވާލާފަ އެވެ.

މިސަރުކާރުން އަލުން ލިސްޓް އެކުލަވާލުމާ ގުޅިގެން މުއިއްޒު މިނިސްޓަރު ކަމުގައި އެކުލަވާލެއްވި ލިސްޓްގައި ހިމެނޭ ބައެއް މީހުންނަށް ފަހުން ފްލެޓް ނުލިބެ އެވެ. އެކަމާ ގުޅިގެން އެކަން ކުށްވެރިކުރައްވާ މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދެން އެންމެ އަވަހަށް އިމާރާތް ކުރާ ފްލެޓްތަކުން ޖާގަ ދޭނީ އެމީހުންނަށް ކަމަށެވެ.

މުއިއްޒު މިއަދު ޑޯ ޓް ޑޯ އަށް ވަޑައިގެންނެވި ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ސަރަހައްދުގެ ގިނަ ބަޔަކު ވަނީ މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.