ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ސަޕޯޓަރުން ހުރަސް އަޅައިފި އެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.
ރައީސްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން، ދެކުނުން އިރަށް ދުއްވާފައި ދެވޭ ގޮތް ނުވުމުން ރައީސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް -- އެސްޕީޖީގެ ބޭފުޅުން ވަނީ ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.
ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ބަޔަކު ހައްޔަރުކުރި ނަމަވެސް އެއީ ކިހާ މީހުންނެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ. އިދިކޮޅު ޕީޕީއެމް އިން ބުނާ ގޮތުގައި ފުލުހުން ވަނީ 20 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ބަހެއްވެސް އަދި އެމްއެންޑީއެފްގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު ސަޕޯޓަރުން ހުރަސްއެޅީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ފަސޭހަކަމާ އެކު ހުރަސް އެޅޭ ގޮތް ވުމުން އެމަނިކުފާނުގެ ސެކިއުރިޓީއާ މެދު ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅަން ބަޔަކަށް ފުރުސަތު ލިބުނީ ސެކިއުރިޓީ ބެލެހެއްޓުމުގައި ސަލާމަތީ ބާރުތައް ފެއިލްވުމުން ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.