އާދަމް ޝަރީފު އުމަރު

ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

May 26, 2022
1

ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ބިލްގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރާ އަށް މިއަދު މިބިލް ފޮނުވާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

ބިލް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަވަނަވަމުން އަންނަ ދުނިޔޭގައި ނިރުބަވެރި ހަމަލާތައް ދިނުމާއި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ކަންކަން ކުރުމާއި، ތަފާތު ފިކުރުތަކުގެ ތެރެއިން މުޖުތަމައުގައި ބައިބައިވުން އުފައްދައި، ދީނީ ހައްދުފަހަނައެޅުމުގެ ފިކުރާއި އިސްލާމް ދީން ހުއްދަ ނުކުރާ ކަންތައްތަކެއް އުފައްދާ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ފަދަ އެތައް ކަންތައްތަކެއް ހިނގަމުންދާތީ އެވެ. އަދި ނިރުބަވެރި ހަމަލާތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ރާއްޖޭގައި ހިނގުން އިތުރުވެދާނެ ކަމުގެ ބިރުވެރިކަން ބޮޑުވަމުން ދިއުމަކީ ވެސް ބިލް ހުށަހެޅި ސަބަބެކެވެ.

"ވުމާއެކު ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމާއި އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި އެކަމާ ގުޅޭ ކަންކަން ވަކި ގާނޫނެއްގައި ބަޔާންކުރުމަށް މިބިލް ހުށަހަޅަމެވެ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބިލް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.

ބިލްގެ މަގުސަދު

  • ދިވެހިރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރެވޭކަން ކަށަވަރުކުރުމާއި އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުން،
  • ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމާއި އެކަމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ކަން ކަށަވަރުކުރުން،
  • ގައުމީ ސަލާމަތާ ބެހޭ ކައުންސިލް އުފެއްދުމާއި އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމާއި ކައުންސިލް ގާއިމުކޮށް ހިންގުން،
  • ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމާއި ކޮމިޓީ ގާއިމުކޮށް ހިންގުން،
  • ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރާނެ ގޮތްތައް ހޯދުން.

މިބިލްގައިވާ ގޮތުން ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ނުވަތަ އިހްތިޖާޖު ކުރުމަށް، ގާނޫނުތަކާ ހިލާފު ނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ތެެރެއިން އިސްތސްނާ ވާނެ އެވެ.

ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކާ ބެހޭ ގޮތުން މީޑިއާ އިން މައުލޫމާތު ހޯދުމަކީ ޖާސޫސްކުރުން ކަމުގައި ނުބެލެވޭނެ ކަމުގައިވެސް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެއްޖެކަން ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ.

ކުށުގެ އަދަބު

  • ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް އަމަލެއް ހިންގުމަކީ ނުވަތަ ހިންގަން އުޅުމަކީ ގާނޫނީ ކުށެކެވެ. މިކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
  • ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތެއް އެނގިހުރެ، އެ މައުލޫމާތު ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް ނުވަތަ ސަލާމަތީ ހިދުމަތްތަކަށް ނުދިނުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
  • ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއްގައި ޖާސޫސްކުރުމަކީ އަދި ޖާސޫސްކުރުމަށް އެހީތެރިވެ ދިނުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މިބިލް ގާނޫނަކަށްވެ މި ގާނޫނުގެ ދަށުން "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލް" އުފެއްދުމުން، ސިފައިންގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މިހާރު އުފައްދާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލިސް އުވޭނެ އެވެ.

މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދާފައިވާ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ނަން "ގައުމީ ސަލާމަތާ ބެހޭ ސެކްރެޓޭރިއޭޓް" އަށް ބަދަލުވާނެ އެވެ.

މިބިލްގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތްތައް ބުނެދީފަ އެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ކައުންސިލް އެކުލަވާލަންވީ ގޮތާއި ކައުންސިލް ގާއިމުކުރުމާއި ހިންގަންވީ ގޮތާއި ކައުންސިލްގެ ޒިންމާތައް ވެސް ބިލްގައިވެ އެވެ.

މީގެއިތުރުން މިބިލްގައި ވަނީ ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ ގާއިމުކޮށް ހިންގަންވީ ގޮތާއި ކޮމިޓީގެ ކޮމްޕޮޒިޝަން އޮންނަންވީ ގޮތާއި ކޮމިޓީގެ ޒިންމާތައް ވެސް ކަނޑައަޅާފަ އެވެ.

މިބިލަށް އަމަލުކުރަން ފަށާނީ މިބިލް މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށްވެސް ބިލްގައި ވަނީ ބުނެފަ އެވެ.