އަލީ އާޒިމް

އަޅުގަނޑުމެންނަށް ރައީސްއާ ބައްދަލުކުރެވޭ: އާޒިމް

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ނުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެމްޑީޕީގެ މެންބަރުންނަށް ރައީސާ ބައްދަލުވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމް އެ ގޮތަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ މެންބަރުންނަށް ރައީސްއާ ބައްދަލު ނުވާ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތުހުމަތު ކުރެއްވުމުން އެކަމަށް ރައްދު ދެއްވަ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ދަމަހައްޓަން އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކީ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނެވެ. އެ މެންބަރުންނާ ބައްދަލު ނުވާއިރު، އެހެން ބަޔަކަށް ރައީސްއާ ބައްދަލުވާނެތޯ އެވެ.

އާދަމް ޝަރީފްގެ ޓްވީޓަށް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަށް ރައީސްއާ ބައްދަލުވާ ކަމަށެވެ. އާދަމް ޝަރީފް އެ ވިދާޅުވާ ކަންކަމަކީ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި އޮތްއިރު ކަންކަން ހިނގާ ގޮތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ސަރުކާރު ނުވެއްޓި ދެމެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރާ ބަޔަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން އާޒިމް އެ ކަމަށް ވެސް ރައްދު ދެއްވި އެވެ. އާޒިމް ވިދާޅުވީ ސަރުކާރު ދަމަހައްޓާނީ ވެސް އަދި ސަރުކާރު ބަދަލު ކުރާނީ ވެސް ރައްޔިތުން ކަމަށެވެ.

ސިޔާސީ ވާދަވެރި ޕާޓީތަކަށް ރައީސް އެ ގޮތަށް ދައުވަތު ދެއްވީ، ރާއްޖޭގެ 55 އަހަރު ފުރުނު މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވަމުން އެމަނިކުފާނު ދެއްވި ހިތާބްގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރީހާ ރައްޔިތުންނާއި މުޅި ގައުމަށް ކަމަށެވެ. އެހެންކަމުން ގައުމުގެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ނަމަވެސް ރައީސްގެ އެ ދައުވަތުގެ ނިޔަތާ މެދު އިދިކޮޅު ޕީޕީއެމް / ޕީއެންސީން ސުވާލު އުފައްދަ އެވެ. ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވާ ގޮތުގައި، ރައީސްއަށް ބައްދަލުކުރަން އެދިފައިވާ ތިން މަސް ދުވަސް ވެއްޖެ އެވެ. މިހާތަނަށް ވެސް އޭގެ ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވެ އެވެ.