ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެޖެންޓެއް ކަމަށް ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅެއް ކަމަށްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ތުހުމަތުކުރައްވައިފި އެވެ.
އަލީ އާޒިމު މިފަދަ ބޮޑު ތުހުމަތެއް ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕް ބޭފުޅުންނާ އެކު މުއިއްޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެއް ޓްވިޓާގައި ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއް ގައެވެ.
އާޒިމު އާންމު ކުރެއްވި ވީޑިއޯކޮޅުގައި މުއިއްޒު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގުޅުއްވާ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާދޭސް ދެންނެވި ކަމަށެވެ.
މުއިއްޒުއަށް އާޒިމް ތުހުމަތުކުރެއްވި ބައެއް ސަބަބުތަކުގެ ގޮތުގައި ބައެއް ކަންކަންވެސް ފާހަގަކުރައްވާފައިވެ އެވެ.
އެގޮތުން އާޒިމު ވިދާޅުވީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި މުއިއްޒުގެ މައްޗަށް މިސަރުކާރުގައި ދައުލަތުން ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާގެ މައްސަލަ ނިންމީ ރައީސް ސޯލިހް ކޯޓުތަކަށް "އަތްބާނައިގެން" ކަމަށެވެ.
ކޯޓުތަކުގައި ހުރި މުއިއްޒުގެ މައްސަލަތައް ނަގައިދީގެން ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން. ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ،" އާޒިމު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެނެޓް މެންބަރުންނަށް މުއިއްޒު ރިޝްވަތު ދެއްވި ކަމާއި ސެނެޓް މެންބަރުން ރިޝްވަތު ހިފި ކަމަށްވެސް އާޒިމް ވަނީ ތުހުމަތުކުރައްވާފަ އެވެ.
"ޕީޕީއެމްގެ ސެނެޓް މުއިޒް ގަތީ އިބްރާހިމް ފައިސާ ދީގެން،" ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދުމަށް މުއިއްޒު ކުރެއްވި މަސައްކަތަށް ރައީސް ސޯލިހްވެސް ފައިސާ ދެއްވި ކަމަށް ތުހުމަތުކުރައްވާ އާޒިމު ވިދާޅުވި އެވެ.
އާޒިމުގެ ތުހުމަތުތަކަށް މުއިއްޒުވެސް އަދި ރައީސް ސޯލިހާއި ސަރުކާރުންވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.