ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވަގަށް ނެގުމަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތުކުރައްވައިފި އެވެ.
އާދަމް ޝަރީފް މިފަދަ ތުހުމަތެއް ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި އިންތިހާބުތައް މޮނީޓާކުރެވޭނީ ބޭރުގެ މީޑިއާއެއް ނަމަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ނޫހަކާ ގުޅިގެން ކަމަށް ބުނެފައި އޮތުމުން އެކަމަށް އިޝާރާތްކުރައްވަ އެވެ.
ބިލްގެ ބަހުސްގައ އާދަމް ޝަރީފް ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުތަކުގައި މީޑިއާގެ އިސްލާހު އޮތް ގޮތުން އިންތިހާބުގެ ފުރިހަމަ ކަވަރޭޖެއް ދިނުމަށް މީޑިއާތަކަށް ހުރަސް އެޅޭ ކަމަށެވެ. އިސްލާހުތަކަށް ބަލާލުމުން އިންތިހާބުގެ ކަންކަން ހާމަކަން ބޮޑު ގޮތަކަށް އަދި އިންސާފުވެރިކަމާ އެކު ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ވިސްނުން ނެތް ކަން ސާފުވާ ކަމަށް ވިދާޅުވި އެވެ.
"[ފެންނަނީ] ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ވަގަށް ނެގުމަށް މަސައްކަތް ކުރާ ތަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް މާލީ މަންފާ ހޯދައިދީގެން އިންތިހާބަށް އެފަދަ ބޭފުޅުން ނުނިކުންނަވާނެ ގޮތްތަކެއް ހެދުމުގެ މައްޗަށެވެ. އަދި ސަރުކާރުން ގެންދަނީ ސަރުކާރުގެ ތެރެއިން އެކި ވަޒީފާތައް އުފައްދައިގެން ބޮޑެތި އާއިލާތަކަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ބަހަމުން ކަމަށާއި އެއީ ފައިދާއެއް ނެތް ގޮތަށް ކުރާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ސަރުކާރުން ގެންދަނީ އެބޭފުޅުން 'ކޯނާކުރުމަށް' މަސައްކަތް ކުރަމުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުކުމްކޮށް ޖަލަށްލައިގެން ބާއްވާ އިންތިހާބެއް އިންސާފުވެރި ވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް އިތުބާރު ގާއިމުކުރުމަށްޓަކައި ޔާމީން މިނިވަންކުރުމަށް ގޮވާލެއްވި އެެވެ.
މިސަރުކާރުގައި އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަން ހުށަހަޅާފައިވާ އިސްލާހުތަކުން އެނގިގެންދާ ކަމުގައިވެސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެެވެ.