ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނަމަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޝައުގުވެރިކަންފާޅު ކުރައްވައިފި އެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަނިންމޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ނަން ކަނޑައަޅުއްވާ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ނަމަވެސް ކޮމިޝަނުން ވަނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނަމަ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓެއް ނެރުމަށް އެމަނިކުފާނު އަންގަވާފައިވާތީ ޕީއެންސީގެ ސެނެޓް ބައްދަލުކޮށް މިއަދު ވަނީ ޕީއެންސީގެ ކެންޑިޑޭޓެއް އިންތިހާބަށް ނެރުމަށް ނިންމާފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަންފާޅު ކުރައްވާފައިވަނީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އާއި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުއިއްޒު އެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯދެއްވުމަށް މުއިއްޒު ޕީއެންސީގެ މެންބަރަކަށް ވެވަޑައިގަންނަވަންޖެހޭއިރު ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީއާ ކޮންމެ ވަގުތެއްގައި ގުޅުނު ނަމަވެސް ރިޔާސީ ޓިކެޓަށް ހުށަހެޅޭނެ އެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. ދަށު ކޯޓުގެ މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.