ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ނަމުގައި ދައުރުކުރަމުންދަނީ އަސްލު ބަޔާނެއް ނޫން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ދައުރުކުރަމުންދަނީ އަސްލުބަޔާނެއް ނޫން ކަމަށް އެ ކޯލިޝަނުން ހާމަކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މުއިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އެ ކޯލިޝަނުން ނެރެފައިވާ ބަޔާނެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމަށެވެ.

"މިއީ ރިޔާސީ އިންތިހާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި ހާއްސަކޮށް މި ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް،" ޕީޕީއެމް-ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް މުއިއްޒު ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.

ދައުރުކުރަމުންދާ ބަޔާނަކީ މުއިއްޒުގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފަ އެވެ.