ޕީޕީއެމް ޕީއެންސީގެ ރިޔާސީ ވައުދުތައް ކޮޕީ ކުރަނީ މިސަރުކާރުން ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަށް މިހާރު ފެންނަމުން ދަނީ ކެމްޕޭނު ދަތުރުތަކުގައި އޭނާ ރަށްރަށަށް ގޮސް އެ ރަށްރަށުގެ ރައްޔިތުންނަށް ވާ ވައުދުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮޕީ ކުރައްވާ މަންޒަރު ކަމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ގދ. ތިނަދޫއަށް ކެމްޕޭނަށް ވަޑައިގެން ދެއްކެވި ވާހަކަތައް މުއިއްޒު ފާހަގަކުރެއްވި އެވެ.
ކެމްޕޭންގައި ތިނަދޫއަށް ވަޑައިގެން ގާނޫނީ ހަމަތަކުގެ މަތިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އޭގެފަހުން ރައީސް ސޯލިހް ތިނަދޫއަށް ވަޑައިގެން އެރަށަށް ވަނީ ސިޓީއެއްގެ ދަރަޖަ ދެއްވާފަ އެވެ.
މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތިނަދޫ، ސިޓީއަކަށް ހެދުމަށް ބޭނުންވާ ވަރަށް އިންފްރާސްޓްރަކްޗާ ގާއިމު ކޮށްދެއްވި ކަމަށެވެ. އަދި ސިޓީއަކަށް ހެދުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީއެއް ތިނަދޫގައި ނެތް ނަމަވެސް އެކަށީގެންވާ ވަރުގެ އާބާދީ އެ ރަށުގައި އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
"އެ ވައުދު ކޮޕީކޮށް ދެ ދުވަސްވެސް ނުވަނީސް މި ސަރުކާރުން ތިނަދޫ ސިޓީއަކަށް ހަދައިފި،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް-ޕީއެންސީން ކަމެއް ކުރަން ވައުދުވެއްޖެނަމަ އެކަމެއް ކުރާނެ ކަމަށާއި އެއީ ހަމައެކަނި ނަމުން ކުރާ ކަމެއް ނޫން ކަމަށެވެ. މި ސަރުކާރުން ކަންކަން ކުރަނީ ހަމައެކަނި ނަންބޯޑު ބަދަލުކޮށްލާ އުސޫލުން ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ ތިނަދޫގައި ތިނަދޫ ސިޓީ ޖެހިދާނެ. އެކަމަކު އެއްވެސް ކަމެއް އެތަނަށް ނުކޮށްދިނީމަ ކޮބައިތޯ އިހުލާސްތެރިކަން. ހަމަ މި އަތޮޅުގައި ވެސް މި ފެންނަނީ އިންތިހާބަށް ދެތިން ދުވަހަށް ވީމަ އެއް އެއްޗެއް ގެންނާނެ. އަނެއް އެއްޗެއް ގެންނާނެ. މި ދިވެހި ރައްޔިތުންނަކީ ގުނބޯ ހެއްދޭނެ ބަޔަކަށް ހެދޭނެތޯ" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރަށް، ޕާކިން ސްޓިކާ މާފްކޮށްދިނުމަށް މުއިއްޒު ވައުދުވިތާ ދެ ހަފްތާ ފަހުން އެކަންވެސް މި ސަރުކާރުން މިހާރު ކޮށްފި ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.