އެމަނިކުފާނަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައިވެރިއެއް ކަމުގައި ދަ ޑިމޮކްޓެސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑިމޮކްރެޓްސް އަކީ ޑރ. މުއިއްޒުގެ ސަރުކާރުގެ ބައިވެރިން ކަމަށް ރައީސް ނަޝީދާއި ހަސަން ލަތީފް ވިދާޅުވާ ވަކި ސަބަބެއް ދެ ބޭފުޅުންވެސް ވިދާޅުވެފައެއް ނުވެ އެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ތަކުރާރުކޮށް ބުނަމުންދާތީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާ އަވަސް އިން ސުވާލުކުރުމުން ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވިދާޅުވީ ޕީޕީއެމް ޕީއެންސީ އާއި އެކު ދަ ޑިމޮކްރެޓްސް އިން ހަދާފައި އޮތް އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. އެއްބަސްވުމެއް ނެތި ޑރ. މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީން ތަކުރާރުކޮށް ބުނަމުންދާތީ ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.
"އެއްބަސްވުމެއް ނެތި ސަރުކާރެއްގައި ބައިވެރިވާނެ ގޮތެއް ނޭނގެ. ނުވިސްނޭ. އަނެއްކާ ޑިމޮކްރެޓުންނަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓް އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ތާއީދުކޮށްދިނުމަށް އެދުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރި ބައެއް. އެހެންވީމާ ޑިމޮކްރެޓުންގެ އެއްވެސް ބައިވެރިވުމެއް ނެތި ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިކުރަން ޖެހޭ ސަބަބެއް ނުވިސްނޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހިނގަމުން މިދާ ސަރުކާރުގެ ބައެއް ވަޒީރުންނަށް ބޮޑު ތުހުމަތެެއްވެސް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ޑރ. މުއިއްޒު އުފައްދަވަން އުޅުއްވާ ސަރުކާރާ ގުޅޭގޮތުން ބައެއް ވަޒީރުން ބޭރުގެ ފަރާތްތަކަށް ހަގީގަތް އޮޅޭގޮތަށް އަދި ބަދުބަސް ރައްދުކޮށް މެސެޖުކުރައްވަމުން ގެންދަވާ ކަމަށެވެ. ވަޒީރުންގެ އެފަދަ ބައެއް މެސެޖުތައް ބޭރުގެ ފަރާތްތަކުން އެމަނިކުފާނަށް ފޮނުއްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެގޮތަށް މެސެޖު ނުކުރެއްވުމަށް ވަޒީރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
"ދެން އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑުވެސް ބައިވެރިވެއޭ. ދެން އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގުވޭ ސާފުކޮށްދޭން އެހާ ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.