ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ހިމެނޭ މައްސަލައެއް ބަލަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އުފެއްދި ސެޓުލްމެންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ގޮތް ބަލައި އެކަމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފްރޮސެކިއުޓާ ޖެނެރަލްއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ ވެރިކަން ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. މިހުށަހެޅުމަށް ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވުމާ ގުޅިގެން ކޮމިޓީގައި މި ހުށަހެޅުން ފާސްވީ ހަ މެންބަރުންގެ ތާއީދާ އެކު އެވެ.

މަމްދޫހު ވިދާޅުވީ ކޮމިޓީ މެދުވެރިކޮށް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 36 ރަށާއި ހަ ފަޅާއި އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ރައީސް ސޯލިހްގެ ވެރިކަމުގައި ދޫކޮށްފައިވާ ކަމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސެޓްލްމަންޓް ކޮމިޓީގައި އިންނަވައިގެން އާއިލީ ބަޔަކަށް ރިސޯޓް ހަދަން ރަށްތަކެއް ދީފައިވާ ކަމަށެވެ.


"މިއީ ރާއްޖޭގައި ކުރިން އަމަލުކުރަމުން އައި ގޮތެއް ނޫން. މީގެކުރީގައި ބަދަލު ދީފައިވަނީ ކޯޓު މަރުހަލާއިން ގޮތްތަކެއް ނިންމުމުން،" އަޒާން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހިމެނޭހެން ކުރީ ސަރުކާރުގެ އިސްވެރިންތަކެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ޕީޖީއަށް އެންގުމަށް ކޮމިޓީން ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާ ވިދާޅުވީ ކޮމިޓީގެ ނިންމުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށެވެ.

މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ދައުލަތުގެ ތެރޭގައި ކަމާ ގުޅޭ އިދާރާތައް އެބަހުރި ކަމަށާއި ކޮމިޓީންވެސް ހިނގަންޖެހޭނީ އެ ނިޒާމުގެ ތެރެއިން ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ރައީސް ސޯލިހް އުފައްދަވާފައި އޮތް ސެޓްލްމަންޓް ކޮމިޓީ އުވާލައްވާފަ އެވެ.