ރައީސް އަބްދުﷲ ޔާމީން

ރައީސް މުއިއްޒު ކުރައްވަން އުޅުއްވަނީ ހުތުރު ވެރިކަމެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަަކަދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރަން އުޅުއްވަނީ "ވަރަށް ހުތުރުކޮށް" ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕާޓީ -- ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ރައީސް މުއިއްޒަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވާހަކަދައްކަވާފައި މިވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށްލުމަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

މިމައްސަލައިގައި ރައީސް މުއިއްޒަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ ވަރަށް ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި މިހާރު އޮތް ދުސްތޫރީ މައްސަލައާއި ގުޅިގެން ރައީސް މުއިއްޒަށް ގެއްލުންތަކެއް ވެދާނެ ކަމަށް ގަބޫލުކުރެއްވޭތީ އެމަނިކުފާނަށް އެ މައްސަލަ އާއި ގުޅިގެން އުނދަގޫތަކެއް އިހްސާސްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ހާލަތްތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހެވެ. މި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު ހައްދަވާނެ އެންމެ ބޮޑު އެއް ގޯހަށް ކަމަށެވެ. ރައީސް މުއިއްޒު އެފަދަ ކަމެއް ކުރައްވައިފިނަމަ އެ މަންޒަރު ބަލަން ރައްޔިތުން ނުތިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ކުޅުނު ކަމަށާއި އޭރު ކަންވީ ގޮތް ފެންނާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް މުއިއްޒުވެސް އުޅުއްވަނީ ނަޝީދުވެސް ކަންކަން ކުރެއްވި ގޮތަށް ސުޕްރީމް ކޯޓާ ކުޅެން ކަމަށްވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"މިހާރު މިއޮތީ ވަރަށް ހަޑި ހުތުރުކޮށް ހިންގަން ދިމާކޮށްފައި އޮތް ވެރިކަމެއް،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސުޕްރީމް ކޯޓާ ކުޅެން އުޅުއްވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ހިންގާފައިވަނީ ބޮޑެތި "ޖަރީމާ" ތަކެއް ކަމަށް އޭރުގެ އިދިކޮޅު ލީޑަރުން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސުޕްރީމް ކޯޓަށް ގަދަ ބާރުން ސިފައިން ވައްދައިގެން އެ ތަނުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިފާ ހައްޔަރުކޮށް ޖަލުގައި އެތައް ދުވަހަކު ގެންގުޅުއްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކިވެސް ކޮށްފައިވެ އެވެ. ނަމަވެސް އޭރު މަޖިލީހުން އެ މަރުހަލާ ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345