ޕީޕީއެމް

އިތުރު ކެންޑިޑޭޓަކު ނެރެން ޕީޕީއެމްއަށް އިތުރު ވަގުތެއް ނުދިން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވެއްޖެނަމަ ޕީޕީއެމް އިން އިތުރު ކެންޑިޑޭޓަކު ނެރުމަށް އިތުރު ވަގުތު ދިނުމަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅައި ޔާމީންގެ ކެންޑިޑެސީ މައްސަލަ ނިންމާލައިފި އެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭ ގޮތް ނުވެއްޖެނަމަ ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރުމަށް އިތުރު ވަގުތު ދިނުމަށް ޔާމީންގެ ފަރާތްޕުޅުންނާއި ޕީޕީއެމުން އެދުނީ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ އިތުރުން އެ މައްސަލައަށް ތަދައްޚުލްވި ޕީޕީއެމްގެ ފަރާތުން ވެސް އިތުރު ވަގުތު ދިނުމަށް ސުޕްރީމް ކޯޓުގައި އެދުނެވެ. ނަމަވެސް މައްސަލަ މިއަދު ނިންމީ ޕީޕީއެމް އިން އެދުނު ގޮތަށް އިތުރު ވަގުތު ނުދީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ހުކުމްކުރީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެ އެވެ. އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީ އިން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާފަ އެވެ. ޕީއެންސީ އަކީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން ގުޅިގެން މަސައްކަތް ކުރާ ޕާޓީ އެކެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްލޭން އޭ އަކީ ރައީސް ޔާމީން އެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕްލޭން ބީ އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށް ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

"ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު ކަމުގެ ހަގީގީ މާއުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަމެވެ. ޕީޕީއެމްގެ ފަރާތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ. ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާ މެދު ވިސްނާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވުމުން އެކަންޏެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.