ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރައީސް ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވަނިކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަން ހުށަހަޅުއްވައިފި އެވެ.

ރައީސް ވަހީދު މިވަގުތު ހުންނެވީ ޕީޕީއެމްގެ ރައީސް ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

ރައީސް ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް އެކަމުގައި އިތުރަށް ވާހަކަދައްކާނީ ޕީޕީއެމް އިން ކަމަށް ރައީސް ވަހީދުގެ އާއިލާ އިން ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ރޭ ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އުއްތަމަ ފަނޑިިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެފައިވެ އެެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވާނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދިނުމަށް ކެންޑިޑެސީ މައްސަލައިގެ ތެރެއިން ރައީސް ޔާމީން ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން މިގެންދަވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި "ބެކަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެންް ރައީސް ޔާމީން އެދިވަޑައިގަތުމާ ގުޅިގެން ޕީއެންސީ އިން ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނިކޮށެވެ.

މުއިއްޒު މިއަދު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައި އެކަން އިއުލާންވެސް ކުރައްވާފަ އެވެ.