ރައީސް އަބްދުﷲ ޔާމީން

ރައީސް މުއިއްޒަކީ ބަހާއި އަމަލު ދިމާވާ ބޭފުޅެއް ނޫން: ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ބަހާއި އަމަލު ދިމާވާ ބޭފުޅެއް ނޫންކަން މިހާރު އެނގިވަޑައިގެންފި ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހާރު އިސްކޮށް މަސައްކަތް ކުރައްވާ ޕާޓީ -- ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޔާމީންގެ ފާޑު ވިދާޅުވުން ރައީސް މުއިއްޒަށް އަމާޒު ކުރީ މައިގަނޑު ތިން މައްސަލައެއް ގައެވެ.

އެއްކަމެއްގެ ގޮތުގައި ރައީސް ޔާމީން އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރައްވަން ކުރައްވާ މަސައްކަތްތަކުގެ މާބޮޑު ތަފްސީލެއް އެނގިވަޑައިނުގަންނަވާތީ އެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު އުދަނގޫ ހާލަތެއްގައި އޮތްކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަންޖެހޭނީ މިހާރު ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބުވުމާ އެކު ހުވާކުރެއްވުމުގެ ކުރިން، ކުރިއަށް ދިޔަ އިންތިގާލީ މަރުހަލާގައި ދައުލަތުގެ ލިޔެކިޔުންތައް ބަލައި އިގްތިސާދީ ހާލަތު އޮތް ގޮތް ދެނެގަތުމަށް މުއިއްޒަށް އޭރުވެސް އެކަށީގެންވާ ވަގުތު ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވި އެވެ. އިގްތިސާދީ ލިޔުންތައް ދިރާސާކުރެއްވުމުގައި ރައީސް މުއިއްޒުގެ އަރިހުގައި ގާބިލް ބޭފުޅުން ތިއްބެވި ކަމަށާއި އެ ލިޔުންތައް އޭރު ބެއްލެވުމަށްފަހު އިގްތިސާދާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބަހާ އަމަލާ ދިމާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ހަމަ ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ގޮތަށް ހިނިތުންވުމާއެކު އެ ވިދާޅުވަނީ ތިމަންނަމެން މި ހުރިހާ ކަމެއް އެނގެއޭ، ހާސްވާންޖެހޭ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިގްތިސާދީ ހާލަތު އޮތް ހިސާބު އެނގިވަޑައިގަތުމާ އެކު ރައްޔިތުން ކައިރީގައި ހިތިބޭސް ބޯންޖެހޭ ކަމަށް ވިދާޅުވެފައި ސަރުކާރުގެ އިސްވެރިންނަށް "ހަނު ތިބެވިގެން" ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ދައުލަތުން ކޮށްފައިވާ ދައުވާތައް ރައީސް މުއިއްޒުގެ ވެރިކަމުގައި އަނބުރާ ގެނެސް މަޖިލިސް އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން ހަމަޖެއްސުމާ ގުޅިގެން ދެވަނަ މައްސަލައެއްގެ ގޮތުގައި އެކަމަށްވެސް ރައީސް ޔާމީން ފާޑުވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރައްވާނެ ފުރަތަމަ ކަމަކީ ރައީސް ޔާމީން މިނިވަންކުރުން ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި އެތައް ފަހަރަކު ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޕީޖީ ހުސައިން ޝަމީމަށް އަމުރުކުރައްވައިގެން ނިހާންގެ މައްސަލަ ގެނެވުނުއިރު އެމަނިކުފާނުގެ މައްސަލަ އަނބުރާ ނުގެނެވުނު ކަމަށެވެ.

"އެެހެންވީމާ ރައީސް މުއިއްޒު އެ ހެއްދެވީ އިތުރުފުޅެއް ކަން މިއަދު ރައްޔިތުންނަށް ހާމަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ތިންވަނަ މައްސަލައެއްގެ ގޮތުގައި ރައީސް ޔާމީން މިސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި މައްސަލައިގައެވެ.

ޝަމްނާޒް ހައްޔަރުކުރީ ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ޝަމްނާޒް ހައްޔަރުކުރީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ހިންގަވާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅޭ ފައިލްތަކެއް ޝަމްނާޒްގެ އަތުގައި އޮތް ޕެންޑްރައިވްއެއްގައި އޮވެގެންނެވެ.

"ފަހަރުގައި ވެދާނެތޯ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގާފައި ހުރި ކަރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީއޭ. އެހެންވީމަ މިއީ ސިހުރު ހާހުރައިގެ ވާހަކަތޯ ނޫނިއްޔާ އެހެން ކޮންމެވެސް އެއްޗެއް ހޯދާފައި، އެ ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ،" ޝަމްނާޒް ހައްޔަރުކުރި ގޮތާ މެދު ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވި އެވެ.