ޑރ. މުހައްމަދު މުއިއްޒު

ޕީޕީއެމް ޕީއެންސީގެ ލީޑަރަކަށް ރައީސް މުއިއްޒު

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

މިގޮތަށް ނިންމީ ޕީއެންސީގެ އާ އޮފީސް މިރޭ ރަސްމީކޮށް ހުޅުވުމަށްފަހު ބޭއްވި ޕީޕީއެމް އާއި ޕީއެންސީގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޕީއެންސީ އިން މީގެކުރިން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމަށް ރައީސް މުއިއްޒު އަދި އެ ޕާޓީގެ ނައިބް ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވާފަ އެވެ. ޕީއެންސީގެ ރައީސް އަކަށް މީގެކުރިން ހުންނެވި އަބްރުއްރަހީމް އަބްދުﷲ މިހާރު ހުންނެވީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ގައެވެ.

ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ލީޑަރަކަށް މިހާތަނަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އެމަނިކުފާނުގެ ދަރިކަލް ޒޭން އަބްދުﷲ ޔާމީންގެ ނަމުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދާފަ އެވެ.

ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ލީޑަރަކަށް ރައީސް މުއިއްޒު ހަމަޖައްސަވާފައި މިވަނީ ޕީއެންސީގެ މެންބަރުންގެ އަދަދު މިއަހަރުގެ ނިމުމުގެ ކުރިން 40،000 އިން މައްޗަށް ގެންދިއުމަށް އެ ޕާޓީން ހަރަކާތްތަކެއް ފަށާފައި ވަނިކޮށެވެ.

ޕީއެންސީ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އިން ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.