ރައީސް އަބްދުﷲ ޔާމީން

މި ސަރުކާރުގެ އެއްވެސް ބޭފުޅަކު ހިޔާނާތުން ސަލާމަތެއް ނުވާނެ: ޔާމީން

މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބަލައިފިނަމަ މި ސަރުކާރުގެ އެއްވެސް ބޭފުޅަކު ސަލާމަތް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ ހުޅުމާލޭ ކެމްޕޭން ޓީމުގެ ފަރާތުން އެމަނިކުފާނަށް ރޭ އެރުވި ފަރިއްކޮޅަށްފަހު ހ. ދޫވެހި ކުރިމަތީގައި އެއްވެ ތިބި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުންނެވެ.

ހ. ދޫވެހި ގޭގެ ކުޑަދޮރަކުން ސަޕޯޓަރުންނާ ހަނާ އަޅުއްވާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ހިތްވަރު އާ ސަރުކާރުގައި ހުންނަން ޖެހޭ ކަމަށެވެ.

"މައްސަލަތައް ބަލައިފިއްޔާ ކަންކަން ފެންނާނެ،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވަނީ މި ސަރުކާރު ބަދަލުވުމަކީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅު ކަމަށް ވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމުން އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް މި ސަރުކާރާއި އިންޑިއާ ސަރުކާރުން ތިބީ އުންމީދުކޮށްގެން ކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ މި ސަރުކާރުން ގައުމު "ހަލާކު" ކޮށްލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.