އަބްދުއްރަހީމް އަބްދުﷲ

އަދުރޭގެ ނުސީދާ ރައްދެއް ޖަމީލަށް: ވެރިކަން ލިބުނު ގޮތް ހަނދާން އެބަހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރަން ނިކުމެ އެމްޑީޕީގެ ސަރުކާރު ގެނައީ ކޮން ބައެއްކަން ހަނދާން ނުނެތޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނުސީދާ ރައްދެއް ދެއްވައިފި އެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ވެރިކަން ލިބުނު ގޮތް ހަނދާން އެބަހުރި ކަމަށާއި އެކަން ހަނދާން ނުނެތޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް ލުއި ދީ ރަށު ބަންދަށް ބަދަލުކުރިފަހުން އެމަނިކުފާނު އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ޕާޓީގެ އާންމު ބައެއް މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ދެއްކެވި ވާހަކައިގައި ވެރިކަން ލިބުނު ގޮތް ހަނދާން ނައްތާލުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ޕީޕީއެމް-ޕީއެންސީއަށް އަލުން ވެރިކަން ލިބުމުގައި އެންމެ ބޮޑު ގުރުބާނީއެއްވީ ރައީސް ޔާމީން ކަމަށާއި ވެރިކަން ލިބުނީ އެތައް ދިވެހިންނެއްގެ ބުރަ މަސައްކަތުން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އެކަމަކު ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ އަބްދުއްރަހީމް ވަނީ އެމްޑީޕީގެ ސަރުކާރު ގެނެސް މިދިޔަ ފަސް އަހަރު ގައުމު ސުންނާފަތި ކުރީ ކޮން ބައެއްކަން ހަނދާން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ހަނދާނަކުން ނުދާނެ އަޅުގަނޑުމެންނަށް ވެރިކަމާ ދިމާއަށް މި އާދެވުނީ ކިހިނެތް ކަމެއް. ވެރިކަން އަޅުގަނޑުމެންނަށް ލިބުނީ ކިހިނެތް ކަމެއް، ވެރިކަން ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތެއް، އެކަމުގައި އެއްބާރުލުންދިން ފަރާތްތަކެއް އަދި އެކަމާ ދެކޮޅަށް ތެދުވި ފަރާތްތަކެއް، މި ގައުމަށް އަނިޔާވެރިވި ފަރާތްތަކެއް، އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މުޅި މިގައުމު ސުންނާފަތިކުރީ ކޮން ބައެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ގެނައީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ނިންމަން ނިކުތް ބަޔަކު ފެތުރި ދޮގު ވާހަކަތަކަކާ އެކީގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމަން ޑރ. ޖަމީލް ވަނީ 2018 ވަނަ އަހަރު އިސް ސަފުގައި މަސައްކަތް ކުރައްވާފަ އެވެ

"ހަގީގަތެއް ނެތް ބުހުތާނު ވާހަކަތަކެއް ދެއްކީ. ރައީސް ޔާމީންގެ އިސްތަށިފުޅުގައި ނާޅުވާ އިލްޒާމެއް ނެތް. ނުކުރާ ތުހުމަތެއް ނެތް. އެ ވާހަކަ އެ ދެއްކެވި ބޭފުޅުން މިއަދު އަޅުގަނޑުމެން ވެރިކަމާ ހަމައަށް އައީމަ ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މި ވެރިކަން (އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު) ގެންނަން މަސައްކަތް ކުރީ އަޅުގަނޑުމެންގެ ޓީމަކުން އެ ހަނދާން ނެތިގެން ނުދާނެ،" ޖަމީލަށް ރައްުދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒު އިންތިހާބު ކުރީ ރައްޔިތުން ކަމަށާއި އެކަން ހަނދާން އެބަހުރި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.